ޚަބަރު

ކޯޓުތަކުގެ އިތުބާރު ގެއްލުވާލަން މަސައްކަތް ނުކުރުމަށް ސުޕްރީމް ކޯޓުން އިލްތިމާސްކުރައްވައިފި


ސުޕްރީމް ކޯޓާއި ޝަރުޢީ އެހެން ކޯޓުތަކުގެ ޙުރުމަތް ކަނޑައި އެތަންތަނުގެ އިތުބާރު ގެއްލުވާލަން ކުރާ މަސައްކަތްތައް މިހާރުން މިހާރަށް ހުއްޓާލުމަށް ސުޕްރީމް ކޯޓުން އިލްތިމާސްކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ ޢަދުލު އިންސާފު ޤާއިމުކުރުމުގެ އެންމެ މަތީ ބާރުގެ ގޮތުގައި ހިމެނޭ ސުޕްރީމްކޯޓުން ނެރުއްވި ނޫސްބަޔާނުގައި ވަނީ، ދިވެހިރާއްޖޭގެ ކޯޓުތަކާއި ފަނޑިޔާރުންނާމެދު ނަފުރަތާއި ރުޅިވެރިކަން އުފެދޭފަދަ ވާހަކަތައް ފެތުރުމާއި ފަނޑިޔާރުންނާ ދެކޮޅަށް ޙަޤީޤަތެއް ނެތް ދޮގު ތުހުމަތުތައްކޮށް، ޤާނޫނުއަސާސީން ފަނޑިޔާރުންނަށް ކަށަވަރުކޮށްދީފައިވާ މުސްތަޤިއްލުކަމަށް އެއްވެސް ބެލުމެއްނެތި ފަނޑިޔާރުންނަށް ބިރު ދެއްކުމުގެ ޢަމަލުތައް ބައެއް ފަރާތްތަކުން ތަކުރާރު ކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ.

ސުޕްރީމް ކޯޓާއި، ޝަރުޢީ އެހެން ކޯޓުތަކަކީ ޢަދުލު އިންޞާފު ޤާއިމުކޮށް، ޤާނޫނު ނަގަހައްޓައި، ރައްޔިތުންގެ ޙައްޤުތަކާއި ދައުލަތުގެ މަޞްލަޙަތުތައް ރައްކައުތެރި ކުރުމުގެ ދުސްތޫރީ ވާޖިބު އަދާކުރާތަން ކަމަށާ، އެތަންތަނުގެ ޙުރުމަތް ކަނޑައި، އެތަންތަނުގެ އިތުބާރު ގެއްލުވައިލައިގެން ނާޖާއިޒު މަޤްޞަދުތަކެއް ޙާޞިލުކުރުމަށްޓަކައި މަދު ބަޔަކު ނޭދެވޭ ޢަމަލުތަކެއް ހިންގަމުންދާ ކަންވެސް ފާހަގަކުރެވިފައިވާކަމަށް އެބަޔާނުގައި ވިދާޅުވެފައިވެއެވެ.

އެފަދަ ޢަމަލުތަކަކީ ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ލިބިދީފައިވާ ޚިޔާލު ފައުޅުކުރުމުގެ މިނިވަންކަމާއި، ބިނާކުރަނިވި ފާޑުކިޔުމުގެ ދާއިރާގެ ތެރެއިން ބޭރުގައިވާ ޢަމަލުތަކެކަމަށް ސުޕްރީމްކޯޓުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ޝަރުޢީ ދާއިރާ ހަރުދަނާކޮށް، ޢަދުލު އިންޞާފު ޤާއިމު ކުރުމުގެ ޒިންމާ ކޯޓުތަކަށް ފުރިހަމަ ގޮތުގައި އަދާކުރެވޭނީ ނުފޫޒުތަކާއި ބިރުދެއްކުންތަކުން ޝަރުޢީ ދާއިރާ ސަލާމަތްވެގެންކަން ސުޕްރީމްކޯޓުން ވަނީ ފާހަގަކުރައްވާފައެވެ.

އެހެންކަމުން ޤާނޫނުއަސާސީއާއި އިސްލާމީ ޝަރީޢަތުގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބިދީފައިވާ އިންތަކުގެ ބޭރުން، ރާއްޖޭގެ ޤާނޫނުތަކާއި ބައިނަލްއަޤްވާމީ އެކިއެކި އިންސްޓްރޫމަންޓްތަކުގައި ކަށަވަރުކޮށްދީފައިވާ ފަނޑިޔާރުންގެ މިނިވަންކަމާއި މުސްތަޤިއްލުކަމުގެ މަބްދަޢުގެ އުޞޫލުތަކާ ޚިލާފުވާ ގޮތަށް، ކޯޓުތަކާއި ފަނޑިޔާރުންނާމެދު ނަފުރަތާއި ރުޅިވެރިކަން އުފެދޭގޮތަށް ކަންކަން ނުކުރުމަށް މިބަޔާނުގައި ސުޕްރޯމް ކޯޓުން ވަނީ އަންގަވާފައެވެ.

އަދި ރައްޔިތުންނަށް ޙަޤީޤަތް އޮޅޭގޮތަށް، އެއްވެސް އަސާސެއް ނެތް ދޮގުވާހަކަތައް ފަތުރައިގެން ފަނޑިޔާރުންގެ އަބުރު ކަތިލައި ފަނޑިޔާރުންނަށް ބިރުދެއްކުމާއި، ރައްޔިތުން ކޯޓުތަކަށްކުރާ އިތުބާރާއި އިޙްތިރާމް ކަނޑުވާލުމަށްޓަކައި ކުރެވޭ އެންމެހައި މަސައްކަތްތަކާއި ކަންކަން މިހާރުންމިހާރަށް ހުއްޓާލުމަށާއި އަދި އެފަދަ ވާހަކަތައް ތަކުރާރު ނުކުރުމަށް އެންމެހައި ފަރާތްތަކަށް ސުޕްރީމް ކޯޓުންވަނީ އިލްތިމާސްކުރައްވާފައެވެ.