ޚަބަރު

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފުންނަށް މަޤާމުގެ ކުރިއެރުންދީފި


އަށް އަހަރަށްފަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފުންނަށް މަޤާމުގެ ކުރިއެރުންދީފިއެެވެ.

މަޖިލީހުގެ އިދާރާގެ މުވައްޒަފުންގެ މުސާރާއިގެ އޮނިގަނޑަށް 2011 ވަނަ އަހަރު ގެނައި ބަދަލާއެކު އެއޮނިގަނޑަށް ފެއްތިފަހުން މިހާތަނަށް އެއިދާރާގެ މުވައްޒަފުންނަށް ޕްރޮމޯޝަންދީފައި ނުވެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ މީޑިއާ ޑިރެކްޓަރ ޙަސަން ޒިޔާއު ވިދާޅުވީ މަޖިލިސް އިދާރާގައި މުވައްޒަފުންގެ ތެރެއިން މަދު މުވައްޒަފެއް ފިޔަވައި ދެންތިބި ހުރިހާ މުވައްޒަފުންނަށް މިފަހަރު މަޤާމުގެ ކުރިއެރުންދީފައިވާކަމަށާ، ކުރިއެރުން ދީފައިވަނީ މަޖިލީހުގައި މަސައްކަތްކޮށް ގިނަދުވަސްވެފައިވާ ކުރިއެރުން ހައްޤު މުވައްޒަފުންކަަމަށެވެ.

"މަޖިލިސް އިދާރާގައި އެބަތިބި މާސްޓަރސް އާއި ޑިގްރީ ހަދާފައިތިބި ވަރަށް ގިނަ މުވައްޒަފުން. ވަރަށް ގިނަ ދުވަސްވެއްޖެ އެމުވައްޒަފުންނަށް ޕްރޮމޯޝަން ނުލިބި ގިނަދުވަސްވެފައިވަނީ އެހެންކަމުން ހައްޤުވާ ހުރިހާ މުވައްޒަފުންނަށް މިވަނީ މަޤާމުގެ ކުރިއެރުން ދީފައި" ހަސަން ޒިޔާޢު ވިދާޅުވިއެވެ.

ބައެއް ސަބަބުތަކާހެދި އިދާރީ ފިޔަވަޅު އަޅާފައިވާ މަދު މުވައްޒަފެއް ފިޔަވައި ދެންތިބި ޝަރުތުހަމަވާ ހުރިހާ މުވައްޒަފުންނަށްވެސް ވަނީ މަޤާމުގެ ކުރިއެރުންލިބިފައެވެ. އެގޮތުން ޕްރޮމޯޝަން ދިންމީހުންގެ ނިސްބަތްއުޅޭނީ %99.99 ގައި ކަމަށް މަޖިލީސް އިދާރާއިން ވިދާޅުވެއެވެ.

ތަފާތު ދާއިރާތަކުން ތައުލީމު ޙާސިލުކޮށްފައިވާ 112 އެއްހައި މުވައްފުން ރައްޔިތުންގެ މަޖިލީހުގެ އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރަމުންދެއެވެ.