ސިޔާސީ

ޝަރުއީ ދާއިރާ އިސްލާޙު ކުރުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެންވޭ - ޑީޖޭއޭ


ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް އިސް ނަގާ މަސައްކަތް ކުރުމުގެ ގާނޫނީ ބާރު ސުޕްރީމް ކޯޓަށް ލިބިގެންވާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝް (ޑީޖޭއޭ) އިން ވިދާޅުވެއްޖެއެވެ.

ޑިޖޭއޭއިން މިހެން ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުގެ އިސްނެންގެވުމާއެކު ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރުކޮށް އިސްލާޙްކުރުމުގެ މަގުޗާޓެއް އެކުލަވައިލާ އިފްތިތާޙުކޮށްފައި ވަނިކޮށެވެ.

ޑީޖޭއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރ އަޙްމަދު މާޖިދު ވިދާޅުވީ އަދުލު އިންސާފު ޤާއިމް ކުރުމުގެ އެންމެމަތީ ފަރާތަކީ ސުޕްރީމް ކޯޓުކަން ކަނޑައަޅާފައިވަނީ ޤާނޫނު އަސާސީގައި ކަމަށެވެ. އެހެން ކަމުން ޝަރުއީ ދާއިރާ އިސްލާޙު ކުރުމަށް އިސް ނެގުމުގެ ހުރިހާ ބާރެއް ސުޕްރީމް ކޯޓަށް ލިބިގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަދުލުއިންސާފު ގާއިމް ކުރުމުގެ އެންމެ މަތީ ފަރާތަކީ ސުޕްރީމް ކޯޓް. ކޮންމެ ތަނެއްވެސް އިސްލާޙު ކުރުމުގެ އެންމެ ބޮޑު ބާރެއް އޮންނަނީ އެތަނެއްގެ އެންމެ އިސް ފަރާތަށް. އެހެން ކަމުން ޝަރުއީ ދާއިރާ އިސްލާޙު ކުރުމަށް އިސް ނެގުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެންވޭ." މާޖިދު ވިދާޅުވިއެވެ.

މާޖިދު ވިދާޅުވީ ދިވެހި ރައްޔިތުން އުފައްދާފައިވާ ގާނޫނުން ސުޕްރީމް ކޯޓަށް ދެ ހައިސިއްޔަތެއް ލިބިދޭ ކަމަށެވެ. އެގޮތުން އަދުލްއިންސާފު ގާއިމް ކުރުމުގެ އެންމެ މަތީ ފަރާތުގެ އިތުރުން އެންމެމަތީ ކޯޓަކީ ސުޕްރީމް ކޯޓުކަން ކަނޑައަޅާފައި ވަނީ ޤާނުނޫގައި ކަމަށެވެ. އަދި އަދުލުއިންސާފު ގާއިމް ކުރުމުގެ އެންމެ މަތީ ފަރާތުގެ ހައިސިއްޔަތުން ސުޕްރީމް ކޯޓުގެ އިރުޝާދާއި ނުލައި ޝަރުއީ ދާއިރާ އިސްލާޙު ކުރަން އުޅުމަކީ ދުސްތޫރު ދަންނަ ކަމެއް ނޫންކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުގެ މަގު ޗާޓް އެކުލަވާލާފައިވަނީ ހުރިހާ ފަރާތްތެއްގެ މަޝްވަރާގެ މަތިން ކަމަށެވެ. އެގޮތުން މަގު ޗާޓުން ފެނިގެންދަނީ އިސްލާޙުކުރަން ޖެހޭ ކަންކަން ކަމަށެވެ. އަދި ބޭނުންވާ ގާނޫނުތަކާއި އިސްލާހުތައް ގެނައުމަށް ލަސްނުކޮށް ރައްޔިތުންގެ މަޖިލީހުން އެއްބާރުލުން ދޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށް މާޖިދު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ޑީޖޭއޭގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޑރ.އަބްދުﷲ ނަޒީރު ވިދާޅުވީ ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރުކޮށް އިސްލާޙްކުރުމަށް ސުޕްރީމް ކޯޓުން އެކުލަވާލި މަގު ޗާޓްގައި ހިމެނެނީ ސަރުކާރުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށާއި އެގޮތުން ދައުލަތް ހިންގުމުގައި ތިން ބާރު ވަކިވަކިން އޮތް ނަމަވެސް އެ ތިން ބާރަކީ ވެސް އެކުއެކީގައި މަސައްކަތް ކުރަން ޖެހޭ ބާރުތަކެއްގެ ގޮތުގައި ނަޒީރު ސިފަ ކުރެއްވިއެވެ.

"ދައުލަތެއްގެ ތެރޭގައި މި ހިމެނޭ އެއް ބަޔަކު އަނެއް ބަޔަކަށް އެއްބާރުލުން ދީގެން އަޅުގަނޑުމެންގެ ކަންތައްތައް ރަނގަޅު ކުރެވޭނީ. އެއީ އަޅުގަނޑުމެން އެންމެން ވެސް މި ކުރަނީ އެއް މަސައްކަތެއް. އެއީ ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށް ދިނުން." ނަޒީރު ވިދާޅުވިއެވެ.

ނަޒީރު ވިދާޅުވީ ރޯޑް މެޕްގައި ހިމެނޭ ކަންކަމުގެ ތެރެއިން މިހާރުން މިހާރަށް ޝަރުއީ ދާއިރާއަށް ތަންފީޒު ކުރެވޭނެ ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން އާންމުންނަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ފަހިކޮށް ދިނުމާއި ކޯޓުތަކުގެ އިދާރީ ހިންގުން ހަރުދަނާކޮށް، ފަސޭހައިން މައްސަަލަތައް ހުށަހެޅޭނެ އިންތިޒާމް ހަމަޖެއްސުމާއި ޓެކްނޮލޮޖީ ބޭނުން ކޮށްގެން ޝަރީއަތްތަކުގެ ކަންކަން ފަސޭހަ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަމަކު ގާނޫނުތައް އިސްލާހު ކުރުން ފަދަ ކަންކަން އެހެން މުއައްސަސާތަކާ ގުޅިގެން ކުރުމަށް ވަގުތުތަކެއް ނަގާނެކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.