ޚަބަރު

މިރޯދަމަހު ދަތިކަމެއްނެތި މީދޫ ކޯޕަރޭޓިވްސްގެ އުފެއްދުންތައް ލިބޭނެ


މިއަހަރުގެ ރޯދަމަހަށް ޚާއްސަކޮށްގެން އައްޑޫ ސިޓީމީދު ކޯޕަރޭޓިވްސް ސޮސައިޓީން ހެއްދި މޭވާއާއި ތަރުކާރިގެ ބާވަތްތަކުގެ ސަޕްލައި ރަނގަޅުވާނެކަމަށް އެފަރާތުން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މީދޫ ކޯޕަރޭޓިވްސް ސޮސައިޓީގެ މެނޭޖަރ ހަސަން ޝާހިދު ވިދާޅުވީ މިދިޔަ އަހަރުގެ ރޯދަމަހާ އަޅާބަލާއިރު މިއަހަރު ރޯދަމަހަށް އައްޑޫ ސިޓީއަށް ބޭނުންވާ ތަރުކާރީއާއި މޭވާ ސަޕްލައި ކުރެވޭނެކަމަށެވެ. އަދި ތަރުކާރީއާއި މޭވާގެ ތެރޭގައި ރޯދަމަހަށް އެންމެ ބޭނުންވާ ބާވަތްތަކުގެތެރޭގައި ހިމެނޭ މިރުސް، ލެޓިއުސް، ޗައިނީސް ކެބެޖް، ކިއުކަމްބާ، ކަރާ ފަދަ ބާވަތްތައް ދަތިކަމެއްނެތި ލިބޭނެމަށްވެސް ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރަށް މިދިޔަ އަހަރުގެ ރޯދަމަހު އައްޑޫ ބާޒާރުގައި އެންމެ އަގުބޮޑުކޮށް ވިއްކީ ކަރާކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ މިދިޔަ ރޯދަމަހު މީދޫ ދަނޑުވެރިންގެ އަތުން، މީދޫ ކޯޕަރޭޓިވް ސޮސައިޓީއަށް އެއްވެސް މިންވަރަށް ކަރާ ނުލިބޭކަމަށެވެ. އެފަހަރު ކަރާ ނުލިބުނު އެންމެބޮޑު ސަބަބަކީ ރޯދައިގެ ކުރިން ކުރި ވިއްސާރައިގައި ކަރާދަނޑުތައް ހަލާކުވުންކަމަށް އޭނާ ފާހަގަކުރެއްވިއެވެ.


އައްޑޫ މީދޫ ކޯޕަރޭޓިވްސް އަކީ 2010ވަނަ އަހަރުން ފަށައިގެން މީދޫގެ ދަނޑުވެރިންނަށް މާރކެޓް ހޯދައިދީ ދަނޑުވެރިންގެ ހިއްސާއޮންނަގޮތަށް އުފައްދާފައިވާ ކޯޕަރޭޓިވް ސޮސައިޓީއެކެވެ.