ޚަބަރު

ކުޅުދުއްފުށީ ބައިބަލާ ޗެލެންޖުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި


ފިތުރު އީދާ ދިމާކޮށް ކުޅުދުއްފުށީގައި ބާއްވަމުން "ކުޅުދުއްފުށީ ބައިބަލާ ޗެލެންޖު"ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ޒުވާނުންގެ ބޮޑު މަގުބޫލްކަމެއް ލިބިފައިވާ މި މުބާރާތަށް މި އަހަރު ވަނީ އެހެން އަހަރުތަކާއި ހިލާފަށް ހާއްޞަ އިނާމެއްގެ ގޮތުން މިސްޓަރ ބައިބަލާއަށް ހޮވޭ ފަރާތަކަށް ޖީއެން 125 ސައިކަލެއް ހުށަހަޅާފައިއެވެ. އަދި ޗެމްޕިއަން ޓީމަށް އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުވެސް ވިހިހާސް ރުފިޔާ ލިބޭނެއެވެ.
ކުޅުދުއްފުށި ބައިބަލާ ޗެލެންޖުގައި ބައިވެރިވުމުގެ ފަހު ތާރިޚަކީ މިމަހުގެ 15އިގައެވެ. މި އަހަރު ގަވައިދަށް ގެނައި ބަދަލާއެކު ކޮންމެ ޓީމެއްގައިވެސް ރަށުން ބޭރުން 3 ކުޅުންތެރިން ހިމެނުމުގެ ފުރުސަތު ވަނީ ދީފައިއެވެ.
ޗެންޕިއަން ޓީމް އަދި މިސްޓަރ ބައިބަލާގެ އިތުރުން މި އަހަރުވެސް ބެސްޓް އެޓޭކިން ޕްލޭޔާރ، ބެސްޓް ޑިފެންސިވް ޕްލޭޔާރ އަދި އެންމެ މޮޅު 5 ކުޅުންތެރިން ހޮވުމަށް ވަނީ ހަމަޖެހިފައިއެވެ.
މި މުބާރާތަކީ 2014 ވަނަ އަހަރުން ފެށިގެން ފިތުރު އީދާ ދީމާކޮށް ކުޅުދުއްފުށީގައި ކުރިއަށް ގެންދާ އެންމެ މުބާރާތެކެވެ.