ޚަބަރު

ޖޭއެސްސީއަށް ޢައްޔަންކުރާ މެންބަރަކަށް ވުމުގެ ޝައުޤުވެރިކަން އެބަހުރި - އިމްތިޔާޒް ފަޙުމީ


ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އައްޔަންކުރާ މެންބަރަކަށް ވެވަޑައިގެންނެވުމަށް ޝައުގުވެރި ވެވަޑައިގަންނަވާކަމަށް މާފަނު އުތުރުދާއިރާގެ އެމް.ޑީ.ޕީގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

18ވަނަ ރައްޔިތުންގެ މަޖިލީހުގައި މާފަންނު އުތުރުދާއިރާގެ މެންބަރުކަން ކުރައްވައި އަދި 19ވަނަ މަޖިލީހަށްވެސް އެދާއިރާއިން އިންތިޚާބުވެވަޑައިގެންފައިވާ އިމްތިޔާޒް ފަހުމީ، ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، 19ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށްވެސް އަދި ނާއިބު ރައީސްކަމަށްވެސް ވުމުގެ ޝައުގުވެރިކަމެއް އޭނާގެ ނެތްކަމަށެވެ.
އެހެންނަމަވެސް ފުރުސަތު ލިބިއްޖެނަމަ 19ވަނަ މަޖިލީހުން ޖޭ.އެސް.ސީއަށް ކަނޑައަޅާ މެންބަރަކަށް ވެވަޑައިގަނަނަވަން ބޭނުންފުޅުވާކަމަށް އިންތިވާނީ ހާމަކުރައްވާފައެވެ.

"އެއީ އަޅުގަނޑު ވަރަށް ބޮޑަށް މަސައްކަތްކުރަންބޭނުންވޭ ފަނޑިޔާރުގޭގެ ކަންތައްތައް ރަނގަޅުކުރުމަށް އަޅުގަނޑަށް ދެވޭނެ ކޮންޓްރިބިއުޝަނެއް ދިނުން އަދި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ހޮވާ އޭގެ މެންބަރުގެ ގޮތުގައި އަޅުގަނޑު ވެވިއްޖެއްޔާ ވަރަށް ރަނގަޅު" އިމްތިޔާޒް ވިދާޅުވިއެވެ.

ޖޭއެސްސީގެ މެމްބަރުގެ ގޮތުގައި ތިއްބަވަނީ ރައްޔިތުން މަޖިލީހުގެ ރައީސާއި ސުޕްރީމްކޯޓްގެ ފަނޑިޔާރަކާއި ހައިކޯޓްގެ ފަނޑިޔާރެއްގެ އިތުރުން ދަށުކޯޓުތަކުން ފަނޑިޔާރަކާއި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރަކާއި ޢާއްމުންގެތެރެއިން ޢައްޔަންކުރާ ބޭފުޅެއްގެ އިތުރުން، ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސާއި ދައުލަތުގެ ބަންޑާރަ ނާއިބާއި ޤާނޫނީ ވަކީލުންގެ ތެރެއިން އައްޔަންކުރެވޭ ވަކީލެކެވެ.

އިމްތިޔާޒް ފަހުމީއަކީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި މަޖިލީހުގެ ބޭރުންވެސް، ޝަރުޢީ ދާއިރާގައިހުރި މައްސަލަތައް ފާހަގަކުރައްވައި، އެކަންކަން ހައްލަކުރުމަށް ބާރުއަޅުއްވައި ވާހަކަފުޅުދައްކަވާ މެންބަރެކެވެ.

އިމްތިޔާޒް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ތަމްސީލުކުރަނީ ރައްޔިތުންގެ ކަންބޮޑުވުންތައްކަމަށާ، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ވެރިކަން ކުރާ މައި ޕާޓީ އެމް.ޑީ.ޕީގެ ސަމާލުކަމަށް ރައްޔިތުންގެ ފަރާތުން އެންމެ ބޮޑަށް ގެނެސްފައިވަނީ، ޢަދުލު އިންސާފު ޤާއިމްކުރުމުގައި ހުރި މައްސަލަތައް ކަމަށެވެ.