ޓުއަރިޒަމް

ރާއްޖޭގެ ފަތުރުވެރިކަން މާކެޓް ކުރުމަށް އަރަބިބަހުން ނެރޭ މެގަޒިންގެ ފުރަތަމަ އަދަދު ނެރެފި


ރާއްޖޭގެ ފަތުރުވެރިކަން އަރަބި މާކެޓަށް އިޝްތިހާރުކުރުމަށް އަރަބިބަހުން ނެރޭ "އަލް ޖުޒްރު" މެގަޒިންގެ ފުރަތަމަ އަދަދު ނެރެފިއެވެ.

މި މެގަޒިންއަކީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ކޮމްފޯޓް ޓްރެވެލް އެންޑް ޓުއާސްގެ ފަރާތުން ނެރޭ މެގަޒިންއެކެވެ. "އަލް ޖުޒްރު" މެގަޒިންގެ ފުރަތަމަ އަދަދު ނެރެފައިވަނީ އެޕްރީލް 28 އިން މޭ މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ދުބާއީގައި ކުރިއަށްދިޔަ "އަރަބިއަން ޓްރެވެލް މާކެޓް" ގައެވެ. މި މެގަޒިން ނެރެދެއްވީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޠައްޔިބު މުޙައްމަދެވެ.

"އަލް ޖުޒްރު" މެގަޒިންގެ ފުރަތަމަ އަދަދު ނެރުމުގެ ހަފްލާގައި ވާހަކަދައްކަވަމުން ކޮމްފޯޓް ޓްރެވެލް އެންޑް ޓުއާސްގެ ޑައިރެކްޓަރ އޮފް ސޭލްސް އެންޑް މާކެޓިންގ އިބްރާހިމް ހުލައިލް ވިދާޅުވީ، މިއީ އަރަބިއަން މާކެޓަށް އަމާޒުކޮށްގެން ރާއްޖޭގައި ނެރޭ ފުރަތަމަ މެގަޒިންކަމަށެވެ. 2020 ވަނަ އަހަރު އެ ކުންފުނީގެ އަމާޒަކަށްވާނީ މި މެގަޒިން ޓެކްނޮލޮޖީގެ ގިނަ ވަސީލަތްތައް މެދުވެރިކޮށް ލިބޭނެގޮތް ހަމަޖެއްސުންކަމަށެވެ. އެގޮތުން އަންނަ އަހަރު އަލް ޖުޒްރު މޯބައިލް އެޕާއި ޔޫޓިއުބް ޗެނަލް ތަޢާރަފްކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

"އަލް ޖުޒްރު" މެގަޒިންގެ ފުރަތަމަ އަދަދުގައި ޕަބްލިސްކުރި ފަރާތްތަކަށް ކޮމްފޯޓް ޓްރެވެލް އެންޑް ޓުއާސްއިން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި ކުރިއަށްއޮތް އެޑިޝަންތަކުގައި ގިނަ ފަރާތްތަކުން ޕަބްލިޝް ކުރާނެކަމަށް އުންމީދުކުރާކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

"އަލް ޖުޒްރު" މެގަޒިންގެ ފުރަތަމަ އަދަދުގައި ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ، ރާއްޖޭގެ ފަތުރުރވެރިކަމުގެ ސިނާއަތާއި ބެހޭގޮތުން ކުރު ހުލާސާއެއްދެއްވާފައެވެ. އެގޮތުން ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ އެންމެ މުހިންމު ސިނާއަތްކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖޭގައި މިވަގުތު ފަތުރުވެރިންނަށް ޙިދުމަތްދިނުމަށް ރަޖިސްޓްރީކޮށްފައި 400 އަށްވުރެ ގިނަ ތަންތަން ހުރިކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ރާއްޖެއަކީ ފަތުރުވެރިންނަށް ތަފާތު ތަޖުރިބާއެއް ކުރެވޭނެ މަންޒިލެއްކަމަށާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އަބަދުވެސް މަސައްކަތްކުރަނީ ފަތުރުވެރިންނަށް ރަނގަޅު ޙިދުމަތެއް ފޯރުކޮށްދިނުމަށްކަމަށް މިނިސްޓަރ އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.

"އަލް ޖުޒްރު" މެގަޒިން ލޯންޗްކޮށްފައިވަނީ މިދިޔަ މަހުގެ 1 ވަނަ ދުވަހު ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދުއެވެ.