ވިޔަފާރި

ބޭރުގެ އެއަރލައިންތައް ރާއްޖެއަށް ދަތުރުކުރި އަދަދު އިތުރުވެއްޖެ


ބައިނަލްއަޤްވާމީ އެއަރލައިންތަކުން މިދިޔަ އަހަރު ރާއްޖެއަށް ކުރި ދަތުރުތައް %2 އިތުރުވެއްޖެއެވެ.

މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ) އިން ނެރެފައިވާ އަހަރީ ރިޕޯޓުން ދައްކާގޮތުން 2018 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވި އެއް ސަބަބަކީ ރާއްޖެއާއި އެހެން ގައުމުތަކާ ދެމެދު ކުރާ ވައިގެ ދަތުރުފަތުރު އިތުރުވުމެވެ.

މި ރިޕޯޓްގައި ވާގޮތުން 2017 ވަނަ އަހަރާ އަޅާބަލާއިރު 2018 ވަނަ އަހަރު ބައިނަލްއަގުވާމީ އެއާލައިންތަކުން ރާއްޖެއަށް ކުރި ދަތުރުތައް ވަނީ %2 އިތުރުވެފައެވެ. މިއީ 400 އަށް ވުރެ ގިނަ ފްލައިޓްގެ އިތުރުވުމެކެވެ. ފްލައިޓުތައް އިތުރުވުމުގެ ބޮޑު ހިއްސާއެއް ކޮށްފައިވަނީ މިހާރު ވެސް ރާއްޖެއަށް ދަތުރުކުރަމުންދާ އެއާލައިންތަކުންނެވެ. އޭގެތެރޭގައި އެއާ އޭޝިއާ ތައިލެންޑް، އެމިރޭޓްސް، ޗައިނާ އިސްޓާން، އަދި ސިލްކް އެއާ ފަދަ އެއާލައިންތަކުގެ ފްލައިޓްތައް އިތުރުވުން ހިމެނެއެވެ.

މިދިޔަ އަހަރުގެ ތެރޭގައި ފެށި އައު އެއާލައިންތަކަކީ ހޮންގް ކޮންގް އެއާލައިންސް، އިންޑިގޯ، އެއާ އޭޝިއާ އެކްސް އަދި ގޯ އެއާ އެވެ. އަދި އޮކްޓޫބަރު 2018 ގައި އޮމާން އެއާ ވަނީ އަލުން ރާއްޖެއަށް އޮޕަރޭޓްކުރަން ފަށާފައެވެ.

2018 ވަނަ އަހަރު ބައިނަލްއަޤްވާމީ އެއަރލައިންތަކުން ރާއްޖެއަށް ކުރި ދަތުރުތައް އިތުރުވުމާއިއެކު، މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. މިއީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރާފައިވާ މިންވަރާ އަޅާބަލާއިރު ރަނގަޅު އަދަދެއްކަމަށް އެމްއެމްއޭގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. މިދިޔަ އަހަރު ރާއްޖެއަށް ވަނީ 1.4 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.