ޚަބަރު

ބްރެޑްފޯޑް ޔުނިވަރސިޓީންދޭ ޚާއްސަ އެވޯޑެއް ޕްރޮފެސަރ އުގައިލަށް


އިނގިރޭސި ވިލާތުގެ ބްރެޑްފޯޑް ޔުނިވަރސިޓީންދޭ "ވައިސް-ޗާންސެލަރސް އެވޯޑް ފޮރ އައުޓްސްޓޭޑިން އެޗީވްމަންޓް" ރާއްޖޭގެ މަޝްހޫރު ޕްރޮފެސަރ ޙަސަން އުގައިލް ޙާސިލްކުރައްވައިފިއެވެ.

ޔުނިވަރސިޓީ އޮފް ބްރެޑްފޯޑަށް ދުނިޔޭގެ ފެންވަރުގެ އަގުހުރި ޚިދުމަތް ކުރައްވައި ރީތި ނަންހޯދައިދޭ މުވައްޒަފުންނާއި ދަރިވަރުންގެ އަގުވަޒަން ކުރުމުގެ ގޮތުން އެ ޔުނިވަރސިޓީން ކޮންމެ އަހަރަކު ދެމުން އަންނަ މިއެވޯޑް، މިއަހަރު ޙާސިލްކުރެއްވި ދިވެހިރާއްޖޭގެ މަޝްހޫރު ޕްރޮފެސަރ ޙަސަން އުގައިލްއަށް އެވޯޑު ދެއްވީ އެޔުނިވަރސިޓީގައި މިކަމައްޓަކައި ބޭއްވި ޙަފްލާއެއްގައި ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ބްރަޔަން ކޭންޓަރ އެވެ.

މިއަހަރު 37 މީހުން ނޮމިނޭޓްވި މި އެވޯޑް، ބްރެޑްފޯޑް ޔުނިވާސިޓީގެ ސްކޫލް އޮފް އިންޖިނިއަރިންގް އެންޑް އިންފޮމޭޓިކްގައި ވިޝުއަލް ކޮމްޕިއުޓިންގް ދާއިރާގެ ޕްރޮފެސަރެއްގެ ގޮތުން މަސައްކަތްކުރައްވާ ރާއްޖޭގެ ފުރަތަމަ ޕްރޮފެސަރ އަދި ކޮމްޕިއުޓަރު ސައިންޓިސްޓް، ޙަސަން އުގައިލް ލިބިވަޑައިގެންފައިވަނީ އޭނާ ހައްދަވާފައިވާ އާދަޔާޚިލާފު "އާޓިފިޝަލް އިންޓެލިޖަންސް" ދިރާސާއާއި އެދިރާސާގެ އަލީގައި އީޖާދުކޮށްފައިވާ "ފޭސް ރިކޮގްނިޝަން ސިސްޓަމް" މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާފައިވާ މަރުގެ ހާދިސާތަކުގެ ޙަޤީގަތް ދެނެގަތުމުގައި ފޯރުކޮށްދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކޮށެވެ.

މީގެ ތެރެއިންވެސް އިނގިރޭސިވިލާތުގައި މަސައްކަތްކުރާ ރަޝިޔާގެ ޖާސޫސަކަށް، ޒަހަރުދިން ކަމަށް ތުހުމަތު ކުރެވޭ މީހާގެ އަސްލު، އުގައިލްގެ ސޮފްޓްވެއާގެ އެހީގައި ދެނެގެންފައިވާކަން ޔުނިވަރސިޓީން ވަނީ ފާހަގަކުރައްވާފައެވެ.

ދުނިޔޭގެ އެކި ގައުމުތަކުގެ ފުލުހުންނާއި ޕްރައިވެޓް ކުންފުނިތަކުން ބަލާ އެފަދަ މައްސަލަތައް ހައްލުކުރުމަށް އުގައިލްގެ އަރިހަށް އެެފަރާތްތަކުން އަންނަމުންދާއިރު، އުގައިލްގެ "ފޭސް ރިކޮގްނިޝަން ސިސްޓަމް" މިވަނީ ވަރަށް ބޮޑު ކާމިޔާބީއަކަށްވެފައެވެ.

ރާއްޖޭގައި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުންވެސްވަނީ ޕްރޮފެސަރ ޙަސަން އުގައިލްގެ އެހީ ހޯދުމަށް ނިންމާފައެވެ.