ޓުއަރިޒަމް

ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިންނަށް ދަފްތަރެއް އެކުލަވާލަނީ


ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މަސައްކަތްތެރިންގެ ދަފްތަރެއް މި އަހަރު އެކުލަވާލާނެކަމަށް ޓްއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.


މިއަދު ފާހަގަކުރަމުންދާ މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވަމުން އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓުއަރިޒަމް އިންޑަސްޓްރީގެ މަސައްކަތްތެރިންގެ ދަފްތަރު މިއަހަރުގެ ތެރޭގައި އެކުލަވާލައްވާނެކަމަށެވެ. އަދި ހެޔޮ ބަދަލުތައް މުޅި ސިނާއަތައް ގެންނާނީ އެންމެން އެކުގައިކަމަށްވެސް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

ރާއްޖޭގެ މަސައްކަތްކުރާ މީހުންގެ ތެރެއިން ބޮޑު ބައެއް ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނެއެވެ.

މި ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކާއި މި ސިނާއަތުގެ ލާބައަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން މި ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއަހާ އެކަންކަން ހައްލުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންއަންނަކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މި ސިނާއަތުގައި ހަރަކާތްތެރިވާ ތަންތަން އިންސްޕެކްޓްކުރުމާއި، ރާއްޖެއިން ބޭރުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިޝްތިހާރުކުރުމަށް ހިންގާ ކެންޕެއިންތައް އިތުރުކުރުން ހިމެނެއެވެ.

މިއަދު ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ވަޒީފާގެ ބާޒާރަށް ވީހާ ގިނަ ދިވެހީން ނެރުމަށްޓަކައި، މިހާރުން މިހާރަށް ކުރަންޖެހިފައިވާ އެންމެ މުހިންމު އެއް ކަމަކީ، ވަޒީފާ އަދާކުރާ މީހުންނަށް އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ކަނޑައެޅުންކަމަށެވެ. އެންމެ ކުޑަމިނުން ދެވޭ އުޖޫރަ ނުވަތަ މިނިމަން ވޭޖް ކަނޑައެޅުމަށްޓަކައި ޤާނޫނީ އޮނގަނޑުގެ ތެރެއިން، ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށްވެސް ރައީސް މިއަދު ވަނީ އިއުލާންކުރައްވާފައެވެ. އަދި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ފެށުމުން، އެ މަސައްކަތް ހަލުވިމިނުގައި ކުރިއަށް ގެންދެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.