ތިމާވެށި

''ފެހި ފަތް'' އެވޯޑަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި


ތިމާވެށީގެ ދާއިރާއިން އަގުހުރި މަސައްކަތްތައް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ރައީސުލްޖުމްޙޫރިއްޔާ ދެއްވާ ''ފެހި ފަތް'' އެވޯޑަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.'' ފެހި ފަތް '' އެވޯޑަށް ނަން ހުށަހެޅުމުގެ މުއްދަތު މިމަހުގެ ނިޔަލަށް އިތުރުކުރީ، އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު އިތުރުކޮށް ދިނުމަށް ގިނަ ފަރާތްތަކުން އެދެމުންދާތީ، އެ ފުރުސަތު ވީހާވެސް ގިނަ ބަޔަކަށް ދިނުމަށް ކަމަށްޓަކައި އެންވަޔަރަމަންޓް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.މި އެވޯޑު ދިނުމުގެ މަޤްޞަދަކީ އެކިގޮތްގޮތުން ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި އެކިމަސައްކަތްކޮށްފައިވާފަރާތްތައް ފާހަގަކޮށް އެފަރާތްތަކުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމާއި ހިތްވަރު ދިނުމެވެ. އަދި މިހާރު ތިމާވެށި ޙިމާޔަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުން ރަށާއި އަތޮޅާއި ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ބާރުއަޅައި، މިހާރު ތިމާވެށްޓަށް އެކިގޮތްގޮތުން ޚިދުމަތް ކުރާ ފަރާތްތައް އެގޮތުގައި ދެމިތިބުމަށް ހިތްވަރުދިނުމެވެ.ފެހިފަތް އިނާމު ހަވާލު ކުރުމަށް ހަމަޖެހިފައިވަނީ ތިމާވެށި ދުވަހުގެ މުނާސަބަތުގައި ބާއްވާ ޚާއްސަ ޙަފްލާގައި ކަމަށް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.