ޚަބަރު

ފިލައިގެން އުޅުނު ދެކުދިން ފޮރުވި މީހާގެ ބަންދަށް ކޯޓުން 10 ދުވަސް އިތުރުކޮށްފި


އާއިލާއަށް ފިލައިގެން އުޅުނު ދެ ކުދިން ފޮރުވައިގެން ގެންގުޅުނު މައްސަލާގައި ފުލުހުން ހައްޔަރު ކުރި މީހާގެ ބަންދަށް ކޯޓުން 10 ދުވަސް އިތުރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ކުޑަ ދެ ކުއްޖަކު ފޮރުވައިގެން ގެންގުޅޭ ކަމަށް ބުނެ ފެމެލީ އެންޑް ޗިލްޑްރަން ސަރވިސްއަށް ހުށަހެޅި މައްސަލައާއި ގުޅިގެން ކޯޓް އަމުރެއްގެ ދަށުން އެ ދެ ކުދިން ގެންގުޅު ގެއަށް ރޭ މެންދަމު 2:55 ގައި ވަދެ، އެ ކުދިން ހޯދާފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކުރި އުމުރުން 29 އަހަރުގެ ފިރިހެނެއްގެ ބަންދަށް 10 ދުވަސް ކޯޓުން އިތުރުކޮށްދީފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހާގެ ގެ ބަލާ ފާސްކުރިއިރު، މަސްތުވާތަކެތި ބަންދުކުރަން ގެންގުޅޭ ކަމަށް ބެލެވޭ ސާމާނުތަކަކާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ކަރުދާސް ކޮޅަކާއި، ކުދި ޕެކެޓްތަކެއް ފެނިފައިވާ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައިގައި ހިމެނޭ ދެ ކުދިން އެފްސީއެސްސީއާ ހަވާލުކޮށް، އެ ކުދިންގެ އާއިލާއާ ހަވާލުކުރެވެންދެން ރައްކާތެރި މާހައުލެއްގައި ބައިތިއްބާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ ކުދިން ފޮރުވައިގެން ގެންގުޅުނީ ކޮން ރަށެއްގައިކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.