ރާއްޖޭގައި ދަނޑުވެރިކަމުން އުފައްދާ ބާވަތްތައް ވިއްކާ މާކެޓްކުރުމަށް އެސްޓިއޯއިން ތައްޔާރުވަމުންދާކަމަށް އެކުންފުނިން ބުނެފިއެވެ.
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓިއޯގެ ޗީފް ފައިނޭންޝިއަލް އޮފިސަރ މުޙައްމަދު މިޙާދު ވިދާޅުވީ އެސްޓިއޯއިން މިއަހަރުގެތެރޭގައި އައު ވިޔަފާރިތައް ފެށުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މިފްކޯއިން މަސްވެރިކަމުގެ މާކެޓަށް ނުކުގެ މަސްވެރިން ބާނާ މަސް ގަނެ މަސްވެރިކަމުގެ އުފެއްދުންތައް މާކެޓްކޮށް ވިއްކަމުންދާގޮތަށް، އެސްޓީއޯ މެދުވެރިކޮށް ރާއްޖޭގެ ދަނޑުވެރިން އުފައްދާ ބާވަތްތައް މާކެޓްކޮށް ވިއްކުމުގެ ފުރުޞަތު ފަހިކޮށްދީ މާކެޓް ކުރުމަށް އެކުންފުނިން ތައްޔާރުވަމުންދާކަމަށް މިހާދު ވިދާޅުވިއެވެ.
"ދަނޑުވެރިކަމަކީ ވެސް މަސްވެރިކަން ފަދައިން ދިވެހިރާއްޖެއަށް މުހިއްމު ސިނާޢަތެއް. އާންމުން ކުރާ މުހިއްމު މަސައްކެތެއް. ދަނޑުވެރިކަން މަސްވެރިކަމާއި އެއް ފެންވަރަކަށް ތަރައްޤީ ނުވެފައި މިއޮތީ ދަނޑުވެރިން މި ހައްދާ ބާވަތްތަކަށް އެކަށީގެންވާ އަގު ނުލިބުން. ނޫނީ ވިއްކާނެ ތަނެއް ނެތުން. އެހެންވީމަ މަސްވެރިކަމުގެ ދާއިރާގައި މިފްކޯ އޮންނަ ގޮތަށް ދަނޑުވެރިކަމުގެ ދާއިރާއަށް އަޅުގަނޑުމެންނަށް މިކަހަލަ މޮޑެލްއެއް ޑިވެލޮޕްކުރެވިދާނެ." މިޙާދު ވިދާޅުވިއެވެ.
މިޙާދު ވިދާޅުވީ މިފަދަ މާކެޓެއް އުފެއްދުމަށްޓަކައި ބޭނުންވާނެ ފަންޑިންގ އާއި މިކަމުގެ ފީސިބިލިޓީ މިހާރު އެސްޓިއޯއިން ބަލަމުންދާކަމަށެވެ.
"މި މޮޑެލްގެ ވައެބިލިޓީއާއި ފަންޑް އިންވެސްޓުކުރާނެގޮތަކާއި އަދި ކިހާ ރިޓާންއެއް އަޅުގަނޑުމެންނަށް ލިބޭނެތޯ، މީގެ ހިސާބުތަކާއި މި މޮޑެލް އޮންނާނެގޮތެއް ބެލުމަށް އަޅުގަނޑުމެން މިހާރު މި މަސައްކަތްކުރަނީ. އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެންނަކި އަމިއްލަ ހިއްސާދާރުން ތިބި ކުންފުންޏެއް. އެބޭފުޅުންވެސް ބަލާނެ އެބޭފުޅުންގެ ފައިސާ ޚަރަދުވެގެންދާއިރު މި ފަދަ މޮޑިއުލްއަކުން ލިބޭނެ ރިޓާރން. އެހެންކަމުން މިކަމުން ފައިދާ ލިބޭގޮތަށް ޕްރޮޑަކްޓޭއް ނެރުމުގެ މަސައްކަތް މިހާރު މިކުރަމުންދަނީ." މިހާދު ވިދާޅުވިއެވެ.
މަހާއި މަހުގެ އެކި އުފެއްދުންތަކުގެ ވިޔަފާރިކުރާ މިފްކޯ ކުންފުނި އެސްޓީއޯގެ ސަބްސިޑަރީއަކަށް ބަދަލުކޮށްފައިވަނީ 2016 ވަނަ އަހަރުގައެވެ. މިއާއެކު އެސްޓީއޯއަށް ޖެހޭ ފައިދާގެ އިންސައްތަ ދަނީ އިތުރުވަމުންނެވެ. އެސްޓިއޯއިން އަލަށް ފަށަން ތައްޔާރުވާ ދަނޑުވެރިކަމުގެ މޮޑިއުލްއާއެކު އެކުންފުނީގެ އަމާޒަކީ ކުންފުންޏަށް ޖެހޭ ފައިދާގެ ނިސްބަތް އިތުރު ކުރުމެވެ.