ޚަބަރު

ސްޕެޝަލިސްޓު ޑޮކްޓަރުން ތަމްރީންކުރުމުގެ ޕްރޮގްރާމް ވަރަށް ކާމިޔާބު


ރާއްޖޭގެ އެންމެ ފުރަތަމަ މެޑިކަލް ކޮލެޖުގައި ކިޔަވައިދެއްވާ ސްޕެޝަލިސްޓު ޑޮކްޓަރުން ތަމްރީންކުރުމަށް 3 ދުވަހުގެ އިތުރު ވޯކްޝޮޕެއް ކުރިއަށްގެންގޮސްފިއެވެ. މި ވޯކްޝޮޕްތައް ވަރަށް ކާމިޔާބުކަމަށް ސްޕެޝަލިސްޓް ޑޮކްޓަރުންވަނީ ޕީއެސްއެމްނިއުސްއަށް މަޢުލޫމާތުދެއްވާފައެވެ.

ދިވެހި ޤައުމީ ޔުނިވަރސިޓީން ފެށުމަށް ތައްޔާރުވެފައިވާ އެމްބީބީއެސް ޕްރޮގްރާމުގައި ލެކްޗަރާއިންގެ ގޮތުގައި މަސައްކަތްކުރުމަށް ދިވެހި ސްޕެޝަލިސްޓް ޑޮކްޓަރުން ތަމްރީނުކުރުމަށް ޚާއްސަ ވޯކްޝޮޕްތަކެއް އެ ޔުނިވަރސިޓީން އަންނަނީ ހިންގަމުންނެވެ. އެގޮތުން މި ވޯކްޝޮޕްތައް މެދުވެރިކޮށް، ސްޕެޝަލިސްޓް ޑޮކްޓަރުންނަށް މެޑިކަލް ޕްރޮގްރާމުގެ އެކި މޮޑިއުލްތައް ކިޔަވައިދިނުމަށް ބޭނުންވާ ތަމްރީންތައް އަންނަނީ ކިޔަވައިދެމުނެނެވެ. މެލޭޝިއާގެ ކޭ.އެމް.ޔޫގެ މުގައްރަރަށް ކިޔަވައިދިނުމަށް ތައްޔާރުވަމުންދާއިރު މިމުގައްރަށް ސްޕެޝަލިސްޓުން އަހުލުވެރިކުރުމަށް ވަނީ 3 ދުވަހުގެ ވޯކްޝޮޕެއް މިހަފްތާގައިވެސް ކުރިއަށް ގެންގޮސްފައެވެ.

މި ޕްރޮގްރާމްގައި ބައިވެރިވި ބައެއް ސްޕެޝަލިސްޓް ޑޮކްޓަރުންވަނީ މެލޭޝިއާގެ ޔުނިވަރސިޓީއަކާއި ގުޅިގެން އެމްއެންޔޫގައި ކުރިއަށް ގެންދާ ވޯކްޝޮޕްތައް ވަރަށް ކާމިޔާބުކަމަށް ވިދާޅުވެފައެވެ. އެގޮތުން ޑޮކްޓަރުންގެ ދާއިރާއާއި މުޅިން ތަފާތު ދާއިރާއެއްކަމަށްވާ ކިޔަވައިދިނުމުގެ ދާއިރާއަށް އަހުލުވެރިކޮށްދިނުމަށާއި ޝަޢުގުވެރިގޮތްތަކަށް ކިޔަވައިދޭނެ އުކުޅުތައް މި ޕްރޮގްރާމްގެ ސަބަބުން އެނގިގެން ގޮސްފައިވާކަން ޕީއެސްއެމް ނިއުސްއާއި ވާހަކަދެއްކި ބައެއް ޑޮކްޓަރުން ވަނީ ފާހަގަކުރައްވާފައެވެ. އަދި މި ވޯކްޝޮޕްތަކުގެ ސަބަބުން އެމްބީބީއެސް ޕްރޮގްރާމުގައި ކިޔަވައިދޭ މޮޑިއުލްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭނެކަމަށް ޤަބޫލުކުރައްވާކަމަށް ޑޮކްޓަރުން ވިދާޅުވިއެވެ.

މިވޯކްޝޮޕްތަކުގައި ސްޕެޝަލިސްޓުން ތަމްރީންކުރުމަށް މެލޭޝިއާގެ ޔުނިވަރސިޓީން ވަޑައިގެންނެވި ޓީމުން ވިދާޅުވީ ދިވެހި ޑޮކްޓަރުން ވޯކްޝޮޕްގައި ބައިވެރިވެ ދެއްކި ޝަޢުގުވެރިކަމުގެ ސަބަބުން ރާއްޖޭގައި ފަށަން އުޅޭ އެމްބީބީއެސް ޕްރޮގްރާމް ވަރަށް ކާމިޔާބު ޕްރޮގްރާމަކަށްވާނެކަމުގެ އުއްމީދު ބޮޑުކަމަށެވެ.

ދިވެހި ޤައުމީ ޔުނިވަރސިޓީން ރާއްޖޭގެ ފުރަތަމަ މެޑިކަލް ކޮލެޖުގައި ލެކްޗަރާއިންގެ ގޮތުގައި މަސައްކަތްކުރުމަށް 40 ސްޕެޝަލިސްޓް ޑޮކްޓަރަކު އަންނަނީ ތަމްރީންކުރަމުންނެވެ. މި ވޯކްޝޮޕްތަކުގެ ސަބަބުން ޢާއްމުން މެޑިކަލް ޕްރޮގްރާމަށް ކުރާ އިތުބާރު ބޮޑުވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ޤައުމީ ޔުނިވަރސިޓީޏް ވިދާޅުވެއެވެ.