ޚަބަރު

ސައްމާހުއަށް އިންޑިޔާގައި ފަރުވާދެމުންދަނިކޮށް މަރުވެއްޖެ


އައްޑޫ ސިޓީގެ ފޭދޫގައި މިމަހުގެ ދިހަވަނަ ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ޒަޚަމްވި ވިހި އަހަރުގެ ޒުވާނާ ފަރުވާދެމުންދަނިކޮށް މަރުވެއްޖެއެވެ.މި ޙާދިސާގައި ޒަޚަމްވި އުމުރުން ވިހި އަހަރުގެ ސައްމާހު މުހައްމަދު މަރުވެފައިވަނީ، އިތުރު ފަރުވާއަށް އިންޑިއާއަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ރޭ ދަންވަރުގެ ވަގުތެއްގައެވެ.ސައްމާހު އިތުރުފަރުވާ އަށް ރާއްޖޭން ބޭރަށް ފޮނުވާލާފައިވަނީ މިމަހުގެ ތޭރަ ވަނަ ދުވަހުއެވެ.އައްޑޫ ސިޓީއިން އިތުރު ފަރުވާއަށް އޭނާ މާލެ ގެނައިރުވެސް އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށާއި، ރާއްޖޭން ބޭރަށް ފޮނުވާލިއިރުވެސް އޭނާ ހޭ ނާރާކަމަށް އައި.ޖީ.އެމް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.މި ޙާދިސާގައި ޒަޙަމްވި އުމުރުން ބާވިސް އަހަރުގެ މަމްދޫން އަޙުމަދު އަލީ ވަނީ އެކްސިޑެންޓް ހިނގިރޭ އިރާކޮޅުގެ ވަގުތެއްގައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވެފައެވެ.ފުލުހުން ބުނީ، މި އެކްސިޑެންޓު ހިނގަން މެދުވެރިވީ އައްޑޫ ސިޓީ ފޭދޫ ބޮޑު މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް، ކާރެއްގެ ކުރިއަށްއަރައި އޯވަރޓޭކް ކުރަން އުޅުމުގެ ތެރޭގައި ކަހާލައިގެން ގޮސް ފާރެއްގަ ޖެހިގެންކަމަށް. ފުލުހުން ދަނީ މިޙާދިސާ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.މިއީ ފާއިތުވި އެއް މަސްދުވަސް ތެރޭ އައްޑޫ ސިޓީ ލިންކް ރޯޑުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްތަކުގައި މަރުވި ތިން ވަނަ ޒުވާނާއެވެ.މާރޗް 31 ވަނަ ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި 3 މީހުންގެ ތެރެއިން އުމުރުން ސޯޅަ އަހަރުގެ މުހައްމަދު އަޔާދުއަށް ފަރުވާ ދެމުން ދަނިކޮށް ވަނީ މިމަހުގެ އެއްވަނަ ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައިވަނީ މަރުވެފައެވެ. އަދި މިއެކްސިޑެންޓްގައި އަނިޔާވި އުމުރުން އަށާރަ އަހަރުގެ ސައިފުﷲ އަލީއަށް ދަނީ ރާއްޖޭން ބޭރުގައި ފަރުވާ ދެމުންނެވެ.