ދުނިޔެ

ޔަމަނުގެ ހަނގުރާމަ އެހެން ޤައުމުތަކަށް ފެތުރިދާނެ - އަބާދީ

ޔަމަންގައި ހިނގަމުންދާ ހަނގުރާމަ އެހެން ގައުމުތަކަށް
ފެތުރިގެން ދިޔުމުގެ ބިރު ބޮޑުކަމަށް ވިދާޅުވެ އިރާގުގެ ބޮޑުވަޒީރު
ހައިދަރުލްއަބާދީ ވާހަކަ ދައްކަވައިފިއެވެ.އެމެރިކާގެ ރައީސް ބަރަކް އޮބާމާ އާ ވޮޝިންޓަންގައި
ބައްދަލުކުރެއްވުމަށްފަހު އަބާދީ ވިދާޅުވީ ޔަމަންގައި ހިނގަމުންދާ ހަނގުރާމަ
އެހެން ގައުމުތަކަށް ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރު އޭނާގެ އިތުރުން
އެމެރިކާގެ މަސްއޫލުވެރިންވެސް އިޙްސާސް ކުރައްވާ ކަމަށާ އެހަނގުރާމަ ހުއްޓުވުމަށް
އެމެރިކާވެސް ބޭނުންވާ ކަމަށެވެ.ޢިރާގުގެ ބޮޑުވަޒީރު ހައިދަރުލްއަބާދީ އެމެރިކާއަށް
ވަޑައިގެން އުޅުއްވަނީ އިރާގަށް ބޭނުންވާ އެތަށް ބިލިޔަން ޑޮލަރެއްގެ ހަތިޔާރު
އެމެރިކާއިން ގަތުމާބެހޭ އެންމެފަހުގެ ނިންމުންތައް ނިންމުމަށް އޮބާމާގެ އިތުރުން
ކޮންގްރެސްގެ ނުފޫޒުގަދަ ލީޑަރުންނާވެސް މަޝްވަރާ ކުރެއްވުމަށެވެ. ވޮޝިންޓަނަށް
ފުރާވަޑައިގަތުމުގެ ކުރިން ދެއްވި ބަޔާނެއްގައި އަބާދީ ވިދާޅުވީ އައިއެސްފަދަ
އިރާގުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާއަތްތައް ބަލިކުރުމަށްޓަކައި އެތަށް
ބިލިޔަން ޑޮލަރެއްގެ ޒަމާނީ ބަރުހަތިޔާރާއި ލޮޖިސްޓިކް ސާމާނު އިރާގަށް ބޭނުންވާ
ކަމަށާ އަދި އިތުރު ތަމްރީންވެސް އިރާގު ސިފައިންނަށް ބޭނުންވާ ކަމަށެވެ.
ރިޕޯޓްތައް ބުނާގޮތުން އެމެރިކާ ވަނީ 4 ބިލިޔަން އެމެރިކާ ޑޮލަރުގެ ހަތިޔާރު
އަވަސް ގޮތަކަށް އިރާގަށް ވިއްކުމަށް އެއްބަސްވެފައެވެ. ނަމަވެސް އޮބާމާއާ
ބައްދަލުކުރެއްވުމަށްފަހު ބޭއްވި ނޫސްކޮންފަރެންސްގައި މިކަމާބެހޭގޮތުން އަބާދީ
ވާހަކަ ދައްކަވާފައެއް ނުވެއެވެ. އޭގެބަދަލުގައި އަބާދީގެ ވާހަކަތައް
އަމާޒުކުރައްވާފައިވަނީ ޔަމަންގައި ހިނގަމުންދާ ދާޚިލީ އަރާރުންތަކުގެ ތެރެއަށް
ސައޫދީ އަރަބިޔާ އަސްކަރީ ގޮތުން ވަނުމާއެކު ހޫނުވެގެންދިޔަ ޔަމަންގެ ހަނގުރާމަ
ހުއްޓުވުމާބެހޭގޮތުންނެވެ. އަބާދީ ވިދާޅުވީ ޔަމަންގައި ހިނގަމުންދާ ހަނގުރާމަ
އެހެން ގައުމުތަކަށް ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރު އެމެރިކާގެ
މަސްއޫލުވެރިންވެސް އިޙްސާސް ކުރައްވާ ކަމަށާ ނަމަވެސް ޔަމަނަށް ދެމުންގެންދާ
ޙަމަލާތައް ހުއްޓާލުމަށް ސައޫދީ އަރަބިޔާއަށް ފިއްތުންތައް ކުރިމަތިކުރުން
އެމެރިކާއަށް ފަސޭހަނޫންކަމަށެވެ. އަބާދީ ވިދާޅުވީ ޔަމަނަށް ދޭ ޙަމަލާތައް
ހުއްޓާލުމަށްވެސް އަދި ޔަމަންގެ މައްސަލަ ސުލްޙަވެރިގޮތުގައި ޙައްލުކުރުމުގެ
އެއްބަސްވުމަކަށް ދާންވެސް ސައޫދީން މިހާރު ބޭނުންނުވާކަމުގެ މައުލޫމާތު
އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ ފަރާތްޕުޅުން ލިބިވަޑައިގެންނެވި ކަމަށެވެ.
އަބާދީ މިމޭރުމުން ވާހަކަ ދައްކަވާފައިވާއިރު ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން
ޔަމަނަށް ދެމުން ގެންދާ ޙަމަލާތަކަށް ތާއީދު ކުރައްވައި އެމެރިކާގެ ގައުމީ
ސަލާމަތާބެހޭ މަޖިލީހުގެ ތަރްޖަމާން އެލެސްޓަރ ބާސްކީ ވަނީ ވާހަކަ ދައްކަވާފައެވެ.
ނަމަވެސް އީރާނާ ގާތްވުމަށް އެމެރިކާ ކުރަމުން ގެންދާ މަސައްކަތްތަކާއި އިރާގަށް
އެތަށް ބިލިޔަން ޑޮލަރެއްގެ ހަތިޔާރު ވިއްކުމަށް އެމެރިކާ ނިންމި ނިންމުމަކީ
ސައޫދީންނަށް ނުސީދާ ގޮތެއްގައި އެމެރިކާ ދޭ ނުރުހުމުގެ މެސެޖްތަކެއް ކަމަށް
މުރާސިލުން ސިފަކުރެއެވެ.