ސިޔާސީ

މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުންގެ މައްސަލަ ބުރާސްފަތި ދުވަހު ފޮނުވަނީ


ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން ސުންގަޑި ހަމަވިއިރު މާލީ ބަޔާން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި ނުވާ ކެންޑިޑޭޓުންނާއި ދަޢުވާ ކުރުމަށް ބުރާސްފަތި ދުވަހު ފޮނުވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އެ ކޮމިޝަންގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވީ، މާލީ ބަޔާން ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން ދީފައިވާ ސުންގަޑި ހަމަވިއިރު މާލީ ބަޔާން ހުށަނާޅާ ކެނޑިޑޭޓުންނަށް ދަޢުވާކުރުމަށް ޕީޖީއަށް ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ. އަދި މާލީ ބަޔާން ހުށަހަޅާފައިވާ 347 ކެންޑިޑޭޓުންގެ ތެރެއިން 11 ކެނޑިޑޭޓެއްގެ މާލީ ބަޔާން ފުރިހަމަ ނުވާތީ އިތުރަށް ފުރިހަމަކުރުމަށް އެ ކެނޑިޑޭޓުންނަށް ފޮނުވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިންތިޚާބުތަކާއި ބެހޭ ޢާއްމު ޤާނޫނުގައި ބުނެފައިވަނީ އިންތިޚާބާއި ގުޅިގެން ކެންޑިޑޭޓު ކޮށްފައިވާ ޚަރަދުތަކުގެ ތަފްޞީލާއި ތާޢީދު ހޯދުމަށްޓަކައި ކެންޑިޑޭޓަށް ތާޢީދު ހޯދުމަށް ކޮށްފައިވާ ޚަރަދުތަކުގެ ތަފްޞީލާއި އިންތިޚާބަށް ޚަރަދު ކުރުމަށް ފައިސާ ހޯދި ގޮތުގެ ތަފްޞީލް ހިމެނޭ މާލީ ބަޔާނެއް ނުވަތަ ރިޕޯޓެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭނެ ކަމަށެވެ.

އިންތިޚާބާ ބެހޭ ޢާއްމު ޤާނޫނަށް މިދިޔަ އަހަރު ގެނައި އިޞްލާހުގައި ބުނެފައި ވަނީ، ވަކި ކަމެއް ކުރުމަށް އެ ޤާނޫނުގައި ކަނޑައަޅާފައި ވަނިކޮށް އެކަން ނުކުރުމަކީ އިންތިޚާބީ ކުށެއް ކަމަށެވެ. އޭގެ އަދަބެއްގެ ގޮތުން، ހަ މަސް ދުވަހާއި ދެ އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ 6،000-24،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް އެ ޤާނޫނުގައި މިހާރު ބުނެފައިވެއެވެ. ސުންގަޑި ހަމަވުމުގެ ކުރިން މާލީ ބަޔާން ހުށަހަޅާފައިވަނީ އެމްޑީޕީއާ ޖުމްހޫރީ ޕާޓީ އަދި އެމްޑީއޭއިންނެވެ.