ސިޔާސީ

ތޮއްޑޫ ކައުންސިލުގެ ކަންބޮޑުވުމާއެކު ރައީސަށް ތިން ކަރާ!


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ތޮއްޑޫ ކައުންސިލުން މެމްބަރުންވަނީ އެރަށު ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާއި ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސާ ޙިއްސާ ކުރައްވާފައެވެ.

ތޮއްޑޫ ކައުންސިލުންވަނީ އެރަށު ސިއްޙީ މަރުކަޒަށް ކުރިމަތިވެފައިވާ ދަތިތަކާއި، ރަށުގެ މަގުތަކުގެ ޙާލަތު ގޯސްވުމުން ދިމާވާ ދަތިތަކާއި ބަނދަރު ހަލާކުވުމުގެ ސަބަބުން ކުރިމަތިވަމުންދާ އުނދަގޫތައް ހިއްސާކުރައްވާފައެވެ. ތޮއްޑޫ ކައުންސިލުގެ މެމްބަރުންވަނީ އެރަށުގައި ބޭންކެއްގެ ޚިދުމަތާއި ފުލުހުންގެ ޚިދުމަތާއި ކުނިނައްތާލާނެ، އެކަށީގެންވާ ރަނގަޅު ނިޒާމެއް ޤާއިމްކޮށްދެއްވުމަށް ރައީސް ޞާލިޙްގެ ފަރާތްޕުޅުން އެދިވަޑައިގެންފައެވެ.

މީގެއިތުރުން ކުރިއަށް އޮތް ރޯދަމަހު ތޮއްޑޫގެ ދަނޑުވެރިން ވިއްކަން މާލެގެންނަ ތަކެތި ބެހެއްޓޭނެ އަދި ވިޔަފާރިކުރެވޭނެ ހަރުދަނާ އިންތިޒާމްތަކެއް ޤާއިމްކޮށްދެއްވުމަށްވެސް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ތޮއްޑޫ ކައުންސިލުގެ މެންބަރުންވަނީ ރަމްޒީ ހަދިޔާއެއްގެގޮތުން 3 ކަރާ ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އަރުވާފައެވެ. މިބައްދަލުކޮށްލެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ތޮއްޑޫ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރައްވައިގެން އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.