ސިޔާސީ

މެމްބަރުން ހަމަވެއްޖެ، ރަޖިސްޓްރީ ކުރަން ހުށަހަޅާނީ ފަހުވަގުތު - އެމްއާރްއެމް


ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އިސްވެހުންނަވާ އުފައްދަވަން މަސައްކަތްކުރައްވާ އާ ސިޔާސީ ޕާޓީ މޯލްޑިވްސް ރިފޯރމް މޫވްމެންޓް (އެމްއާރުއެމް) ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ޢަދަދަށް މިހާރު މެމްބަރުން ހަމަވެފައިވާކަމަށާ، ނަމަވެސް ފޯމް ހުށަހަޅާނީ އެކަމަށް ކަނޑައެޅިފައިވާ އެންމެ ފަހުވަގުތުކަމަށް އެމްއާރުއެމުން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމްއާރްއެމް އުފެއްދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އަދި ރައީސް މައުމޫންގެ އަރިސް ބޭފުޅެއް ކަމުގައިވާ ޢަބުދުލްޢަލީމް ވިދާޅުވީ އެމްއާރްއެމް ސިޔާސީ ޕާޓީއެއްގެގޮތުގައި ރަޖިސްޓްރީކުރުމަށް ބޭނުންވާ މެމްބަރ ޝިޕް ފޯމުތައް ހުށަހަޅާނީ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ އެންމެ ފަހު ތާރީޚުގައިކަމަށެވެ.

އެމްއާރްއެމް ޕާޓީއެއްގެގޮތުގައި ރަޖިސްޓްރީކުރުމަށް ބޭނުންވާ ތިން ހާސް މެމްބަރުންގެ ފޯމާއެކު ރަޖިސްޓްރީކުރަން ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން ދެއްވާފައިވާ އެންމެ ފަހު ތާރީޚަކީ އަންނަ މެއި މަހުގެ އަށާރަވަނަ ދުވަހެވެ.

ޢަލީމް ވިދާޅުވީ އިދިކޮޅު ޕީޕީއެމްއާއި ޕީޕީއެންސީއަށް ނިސްބަތްވާ ފަރާތްތަކުން އެމްއާރުއެމްއާމެދު ދައްކާ ވާހަކަތަކާމެދު އެއްވެސް ސަމާލުކަމެއް ނެތްކަމަށެވެ. އެފަދަ ބަޔަކު ކޮންމެވާހަކައެއް ދެއްކިޔަސް އެމްއާރްއެމްގެ މަސައްކަތްތައް ނުހުއްޓުވޭނެކަމަށް އަލީމް ވިދާޅުވިއެވެ. އެމްއާރްއެމް އަށް މެމްބަރުންގެ ވެއްދުވުމުގެ މަސައްކަތް މިހާރުވެސް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށާއި އެޕާޓީއަށް ވަންނަން ފޯމް ފުރާމީހުންވެސް އިތުރުވަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

އަލީމް ވިދާޅުވީ ފޯމް ހުށަނާޅާ ލަސްކުރަނީ ފޯމްތަކުގެ ޞައްހަކަމާމެދު އެއްވެސް ޝައްކެއްކުރެވޭނަމަ އެފޯމެއް ބާޠިލްކުރާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައި އޮތުމުން ވީހާވެސް ޔަގީންކަން ބޮޑުކުރުމަށްފަހު ފޯމުތައް ހުށަހެޅުމަށްކަމަށެވެ.

ރައީސް މައުމޫން އިސްވެ ހުންނަވައި އެމްއާރްއެމްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަން ކޮމިޝަނުން ދީފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 18ވަނަ ދުވަހުއެވެ. ރައީސް މައުމޫން ވަނީ ކުރިންވެސް ދެ ސިޔާސީ ޕާޓީއެއް އުފައްދަވާފައެވެ. އެއީ ޑީއާރުޕީއާއި، ޕީޕީއެމްއެވެ.