ސިޔާސީ

މަސައްކަތުގެ %94 އެކު މަޖިލީހުގެ ދައުރު ނިމުމަކަށް


މަސައްކަތުގެ ނުވަދިހަ ހަތަރެއް އިންސައްތަ ފުރިހަމަކޮށް 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނިންމާލައިފިއެވެ.

ދެހާސް ސާދަވަނަ އަހަރުގެ މާޗު މަހުގެ 28ވަނަ ދުވަހު މަސައްކަތް ފެށި 18ވަނަ ރައްޔިތުން މަޖިލީހުގެ ޖަލްސާތައް ނިންމާލިއިރު މަޖިލީހުގެ ތަޅުމުގައި ވާހަކަދެއްކެވި ގިނަ މެންބަރުން ވަނީ 18ވަނަ މަޖިލީހުގައި ކުރެވުނު މަސައްކަތްތަކާއި އަދި ހިނގާދިޔަ މުހިއްމު ކަންކަމާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ.

އަށާރަވަނަ މަޖިލީހުގެ ޖަލްސާތައް މިއަދު ނިންމާލައިފައިވާއިރު މި މަޖިލީހުން ވަނީ ދަޢުލަތުން ހުށަހެޅި ފަސް ބަޖެޓެއް ފާސްކުރައްވާފައެވެ. އަދި އެއް ސަޕްލިމަންޓަރީ ބަޖެޓެއްވެސް މަޖިލީހުން ވަނީ ފާސްކުރައްވާފައެވެ. މި މަޖިލީހުގެ ފަސް އަހަރުގެ ތެރޭގައި ތަފާތު އެކި މައްސަލަތަކާއި ގުޅޭ 150 ރިޕޯޓެއް ވަނީ ނިންމާފައެވެ. އަދި ވަޒީރުންނަށް ސުވާލު ކުރުމަށް އޮންނަ ފުރުޞަތުގައި ޖުމްލަ 60 ސުވާލެއް މެންބަރުން ވަނީ އެކި ވަޒީރުންނާއި ކުރައްވާފައެވެ.

  • 18ވަނަ މަޖިލީހުގެ ކުރެވުނު މަސައްކަތްތަކުގެ ތަފްޞީލް:
  • ނިންމާފައިވާ ބިލުތައް: 174
  • ނިންމާފައިވާ ޤަރާރުތައް: 7
  • ސަރުކާރުގެ ފަރާތުން ހުށަހެޅި މައްސަލަތައް: 154
  • ރިޔާސަތުން ހުށަހަޅާފައިވާ މައްސަލަތައް: 26
  • މެންބަރުން މަޖިލީހަށް ހުށަހަޅުއްވާފައިވާ މައްސަލަތައް: 19

އަށާރަވަނަ މަޖިލީހުގެ ޖަލްސާތައް ނިންމާލައްވަމުން މަޖިލީހުގެ ރައީސް ޤާސިމް އިބްރާޙީމް ވިދާޅުވީ ގިނަ މަސައްކަތްތަކެއް 18 ވަނަ ރައްޔިތުންގެ މަޖިލީހުން ނިންމާފައިވީނަމަވެސް ސަރުކާރުން ފޮނުވާފައިވާ ބައެއް ބިލްތައް އިބްތިދާޢި މަރުހަލާ ނިމިފައި އެބަހުރި ކަމަށެވެ. އެފަދަ ބިލްތައް އިތުރަށް ކުރިއަށް ގެންދިއުމުގެ ފުރުސަތު ޤާނޫނުތަކާއި ޤަވާއިދުތަކުގައިވާގޮތުން 18 ވަނަ މަޖިލީހަށް ދެން ނޯންނާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ޖުމްލަ އިންސައްތައަށް ބަލާއިރު 18 ވަނަ ރައްޔިތުންގެ މަޖިލީހުން މަސައްކަތްތަކުގެ ތެރެއިން ޖުމްލަ 94 އިންސައްތަ މަސައްކަތްވަނީ ނިންމަވާފައި. އާދެ އެއީ ވަރަށް ބޮޑު އަދަދެއް ޕަސެންޓޭޖްގެ ގޮތުން ބަލާއިރު. ނަމަވެސް މިއަދު މަޖިލިސް ނިންމާލާއިރު ސަރުކާރުން ހުށައަޅުއްވާފައިވާ މުހިއްމު ބިލްތަކެއް އެބަހުރި އިބްތިދާޢީ ބަހުސްގެ މަރުހަލާ ނިމިފައި މައްސަލައިގައި މިއަދުގެ އެޖެންޑާގައިވެސް އެބަހުރި. އެބިލްތަކާއެކީގައި އަޅުގަނޑުމެން މިޖެހެނީ މިއަދުގެ މަޖިލިސް ނިންމާލަން" ޤާސިމް ވިދާޅުވިއެވެ.

  • 18ވަނަ ރައްޔިތުންގެ މަޖިލީހުން ކޮށްފައިވާ ބައެއް މުހިއްމު މަސައްކަތް:
  • ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު ހަތަކުން ފަހަކަށް މަދުކުރަން ފާސްކުރުުން
  • ހަމަހަމަކަމާއި އެކު ހުރިހާ މުވައްޒަފުންނަށް ރޯދަ އިނާޔަތް ދިނުމަށް ފާސްކުރުން
  • 10،000 މެމްބަރުން ހަމަނުވާ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫ ނުކުރާ ގޮތަށް ފާސްކުރުން
  • ފުލުހުންގެ ހުއްދަ ނެތި އެއްވެސް ކަހަލަ އެއްވުމެއް ނުބޭއްވޭ ގޮތަށް ފާސްކުރުން
  • ހައިކޯޓު ފަނޑިޔާރުންގެ ޢަދަދު 9 އަކުން 11އަށް ބަދަލުކުރަން ފާސްކުރުން
  • ޖިނާޢީ ކުށެއް ފަނޑިޔާރަކު ކުރިކަން ސާބިތުވާ ހިސާބުން ފަނޑިޔާރުކަން ގެއްލޭގޮތަށް ފާސްކުރުން
  • ޕާޓީ ބަދަލުކޮށްފި ނަމަ މެންބަރުކަން ގެއްލޭގޮތަށް ފާސްކުރުން (މި ޤާނޫނު ފަހުން ވަނީ އުވާލާފައި)
  • ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން ވިއްކޭގޮތަށް ފާސްކުރުން (މި އިޞްލާހު ދާދިފަހުންވަނީ އުވާލާފައި)
  • އަބުރު ރައްކާތެރި ކޮށްދިނުމާއި ޚިޔާލުފާޅު ކުރުމުގެ ބިލު ފާސްކުރުން (މި ޤާނޫނުވެސް މިހާރުވަނީ އުވާލާފައި)

މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލާފައިވާއިރު އެންމެ ފަހު މަސައްކަތެއްގެ ގޮތުގައި މިއަދު ކުރިއަށްގެންގޮސްފައިވަނީ، ސަރުކާރުގެ ފަރާތުން، މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާތިމް ހުށަހަޅުއްވާފައިވާ، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް ބަހުސް ކުރުމެވެ. އަދި އެންމެ ފަހު ބިލެއްގެ ގޮތުގައި ފާސްކޮސްފައިވަނީ، އައު ޤާނޫނު އަސާސީއާއެކު މަޤާމު ނިމުމަކަށް ގެނެވުނު އުއްތަމަ ފަނޑިޔާރަށް ޚާއްޞަ ޢިނާޔަތްތަކާއި އިމްތިޔާޒުތައް ލިބިދޭގޮތަށް ފަނޑިޔާރުންގެ ޤާނުނަށް ހުށަހަޅާފައިވާ އިސްލާޙުގެ ބިލެވެ.

މިއަދު ބޭއްވި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު ޖަލްސާގައި އެންމެ ފަހުން ވާހަކަފުޅުދެއްކެވީ މަޖިލީހުގައި ހިމެނޭ މައި ދެޕާޓީކަމަށްވާ އެމްޑީޕީއާ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ދެލީޑަރުންނެެެވެ. ނަމަވެސް އޭގެތެރެއިން ވާހަކަފުޅުދެއްކެވި ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ހުސައިން މަނިކު ވަނީ ނިމިދިޔަ ރައްޔިތުން މަޖިލިސް އިންތިޚާބަށްފަހު ޕީޕީއެމްގެ ޕީޖީ ލީޑަރުކަން އިސްތިއުފާ ދެއްވާފައެވެ. ދެން ވާހަކަފުޅު ދެއްކެވީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމެވެ. އެދެބޭފުޅުންވެސް ވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ކުރެވުނު މަސައްކަތްތަކާއި، ދިމާވި ގޮންޖެހުންތަކުގެ އިތުރުން ކަންބޮޑުވާކަންތައްތައް ހިއްސާކުރައްވާފައެވެ.