ސިޔާސީ

ރިޟްވާންގެ މައްސަލާގައި އެޗްއާރުސީއެމުން ފުލުހުންނާ ބައްދަލުކޮށްފި


ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން އަބްދުﷲގެ މައްސަލައާ ގުޅޭގޮތުން ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ފުލުހުންނާއި ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ.

އެޗްއާރްސީއެމްއިން ވިދާޅުވީ ރިޝްވާން ގެއްލިފައިވާ މައްސަލައިގައި ފުލުހުން ކުރިޔަށް ގެންދާ ތަޙުޤީޤު މޮނިޓަރކޮށް، ތަޙުޤީޤު އަވަސްކުރުމަށް އެކޮމިޝަނުން ބާރުއަޅަމުންދާ ކަމަށެވެ. އެގޮތުން އެ މައްސަލައިގެ ތަޙުޤީޤު ކުރިޔަށް ގޮސްފައިވާ ހިސާބުގެ އަޕްޑޭޓް ޤަވާއިދުން ލިޔުމުން ހޯދުމާއި، ފުލުހުންނާއި އެކު ބައްދަލުވުންތައް ބާއްވަމުން ގެންދާ ކަމަށްވެސް އެކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

އަދި އެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި ކުރިޔަށްދިޔަ ޝަރީޢަތުގެ މަޖިލިސްތަކުގެ އަޑު އެހުމަށް ކޮމިޝަނުން ޤަވާއިދުން ކޯޓަށް ހާޒިރުވާކަމަށްވެސް އެޗްއާރްސީއެމްއިން ވިދާޅުވެއެވެ. އެޗްއާރްސީއެމްއިން ވިދާޅުވީ އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރައްވާފައިވާ ޙުކުމާއި، ފުލުހުންގެ ތަޙުޤީޤާ ގުޅޭގޮތުން އެޗްއާރުސީއެމަށް ފާހަގަކުރެވޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއެކުވެސް ބައްދަލުވުންތައް ބޭއްވިފައިވާ ކަމަށެވެ.

މަރާލާފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ 45 މައްސަލައެއް އެޗްއާރްސީއެމްއިން ތަޙްޤީޤު ކޮށްފައިވާކަން އެ ކޮމިޝަނުން ވަނީ މިއަހަރުގެ ފެބްރުއަރީމަހު ހާމަކުރައްވާފައެވެ.

ދެހާސް ސާދަވަނަ އަހަރުގެ އޮގަސްޓު މަހުގައި ރިޝްވާން ގެއްލިފައިވާއިރު، އޭނާ ހޯދުމަށްކަމާއި ގުޅުންހުރި މުއައްސަސާތަކުން އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުން ނުދާތީ ރިޟްވާނުގެ އާއިލާއިންދަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެފަދަ ކަންބޮޑުވުންތައް އަޑުއައްސަވާ އެފަދަ މައްސަލަތައް ތަޙްޤީގުކުރުމަށް މިހާރުގެ ސަރުކާރުން ވެވަޑައިގެންނެވި ވައުދާއި އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް އުފެއްދެވި މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރާ ކޮމިޝަންގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްގެންދާއިރު އެކޮމިޝަން ދަނީ ރިޟްވާނުގެ މައްސަލަވެސް ތަޙްޤީގު ކުރަމުންނެވެ.

އެކޮމިޝަނުން ޖުމްލަ 25 މައްސަލައެއް ތަޙްޤީގުކުރާއިރު، އޭގެތެރެއިން ބޮޑެތި ބައެއް މައްސަލަތަކުގެ ތަޙުޤީގު ނިމިފައިވާކަމަށް އެކޮމިޝަނުގެ ރައީސް އަލްއުސްތާޛް ހުސްނުއްސުޢޫދުވަނީ ވިދާޅުވެފައެވެ.