ޚަބަރު

ކުރީގެ ފަނޑިޔާރުންނަށް އިނާޔަތްދޭން ފާސްކޮށްފި


އައު ޤާނޫނު އަސާސީއާއެކު މަޤާމު ނިމުމަކަށް ގެނެވުނު އުއްތަމަ ފަނޑިޔާރަށް ޚާއްޞަ ޢިނާޔަތްތަކާއި އިމްތިޔާޒުތައް ލިބިދޭގޮތަށް ފަނޑިޔާރުންގެ ޤާނުނަށް ހުށައެޅި އިސްލާޙުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިއަދު ބޭއްވި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު ޖަލްސާގައި މި ބިލް ފާސްވީ ވޯޓުގައި ބައިވެރިވި 45 މެންބަރުންގެ ތެރެއިން 25 މެންބަރުންގެ ވޯޓުންނެވެ. މިބިލް ފާސްކުރަން ނުފެންނަކަމަށް ވޯޓުދީފައިވަނީ 20 މެންބަރުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށައަޅުއްވާފައިވާ މި ބިލްހުށައެޅި ގޮތަށް ކޮމެޓީން ފާސްކޮށްފައިވާއިރު މިއަދުގެ ޖަލްސާގައި ސަރުކާރު ހިންގާ މައި ޕާޓީ އެމް.ޑީ.ޕީއަށް ނިސްބަތްވެވަޑައިގަންވާ މެންބަރުން ވަނީ މިބިލަށް ތާއިދުނުކުރައްވާކަން ފާހަގަކުރައްވާފައެެވެ. އެމެންބަރުން ވިދާޅުވީ ވަކި މީހަކަށް އިނާޔަތްތަކެއް ދިނުމަށް 18 ވަނަ ރައްޔިތުންގެ މަޖިލިސް ނިމެމުންދަނިކޮށް މިބިލް ހުށައަޅައި ފާސްކުރުމަކީ މިކަންކުރަންވީ އެންމެ ރަނގަޅު އަދި މުނާސަބު ވަގުތު ނޫންކަމަށެވެ.

2008 ވަނަ އަހަރު ތަސްދީޤުކުރި ޤާނޫނު އަސާސީއާއެކު މަޤާމު ނިމުމަކަށް ގެނެވުނު އުއްތަމަފަނޑިޔާރަކީ، ދިގު މުއްދަތެއްވަންގެން ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމްގެ ވެރިކަމުގައި އުއްތަމަ ފަނޑިޔާރުގެ ގޮތުގައި ހުނެވި، ކުރީގެ އުއްތަމަ ފަނޑިޔާރު އައްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމެވެ.

ޤާނޫނަށް ގެނައި އިސްލާޙުގައި، "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 285 ވަނަ މާއްދާގެ (ހ) ގެ ދަށުން ފަނޑިޔާރުކަމުގެ މަޤާމު ނިމުމަކަށް ގެނެވުނު އުއްތަމަ ފަނޑިޔާރު" ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަޤާމުން ވަކިވާ މީހުންގެ ގޮތުގައި އިތުރުކޮށްފައިވެއެވެ. މިމާއްދާގެ (ހ) ގައި ބުނެފައިވަނީ، އައު ޤާނޫނުއަސާސީއަށް ޢަމަލުކުރާން ފަށާއިރު ތިބި ފަނޑިޔާރުންގެ ތެރެއިން އުއްތަމަފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރުން މި މާއްދާގެ ދަށުން ގޮތެއް ކަނޑައަޅަންދެން ފަނޑިޔާރުކަމުގެ މަޤާމުގައި ދެމިތިބޭނެ ކަމަށެވެ.

އަދި ފަނޑިޔާރުކަމުގެ މަޤާމުން ވަކިވާ ކޮންމެ މީހަކަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 285 ވަނަ މާއްދާގެ (ހ) ގެ ދަށުން ފަނޑިޔާރުކަމުގެ މަޤާމު ނިމުމަކަށް ގެނެވުނު އުއްތަމަފަނޑިޔާރަށް ޚާއްޞަ ޢިނާޔަތްތަކާއި އިމްތިޔާޒުތައް ދައުލަތުގެ ފަރާތުން ލިބިދޭންވާނެކަމަށް ރިޔާޒް ރަޝީދު ހުށައެޅުއްވި އިސްލާޙުގައި ވަނީ ބުނެފައެވެ.

މި ބިލް ދިރާސާކުރުމަށް އެކުލަވާލި ފަސް މެންބަރުންގެ ކޮމެޓީގައި ތިއްބެވީ ޖުމްހޫރީ ޕާޓީ އާއި އިދިކޮޅު ޕީޕީއެމަށް ނިސްބަތްވާ މެންބަރުންނެވެ.