ޚަބަރު

އީމެއިލް މެދުވެރިކޮށް އެދޭ ޕާސްޕޯޓް 24 ގަޑިއިރުގެ ތެރޭ ލިބޭނެ


އީމެއިލް މެދުވެރިކޮށް ޕާސްޕޯޓު ހެދުމަށް ހުށަހަޅާ ފަރާތްތަކަށް 24 ގަޑިއިރުގެތެރޭގައި ޕާސްޕޯޓު ލިބޭނެގޮތް ހަމަޖައްސައި، ޕާސްޕޯޓް ހެދުމަށް އޮންލައިންކޮށް ފައިސާދެއްކޭނެ ޚިދުމަތް މޯލްޑިވްސް އިމިގްރޭޝަނުން ތައާރަފްކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ އެއިދާރާއިން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން، އީމެއިލް މެދުވެރިކޮށް ޕާސްޕޯޓުގެ ޚިދުމަތަށް އެދެވޭނެގޮތަށް ފަހިކޮށްފައިވާ ފުރުޞަތުގެދަށުން މި ޚިދުމަތް އިތުރަށް ލުއިފަސޭހަ ކޮށްދިނުމަށް ފައިސާ ދެއްކުމަށް އިމިގްރޭޝަނަށް ހާޒިރުވުމުގެ ބަދަލުގައި އީމެއިލް މެދުވެރިކޮށް ފޮނުވާ ލިންކަކުން ޕާސްޕޯޓަށާއި ރެވެނިއު ސްޓޭމްޕައަށް ފައިސާ ދެއްކޭނެ ޚިދުމަތް މިއަދުން ފެށިގެން ހަމަޖެހިފައިވާކަމަށެވެ.

މީގެ އިތުރުން އީމެއިލް މެދުވެރިކޮށް ޕާސްޕޯޓަށް އެދުމުގެ ފުރުޞަތު ކުރިން ހުޅުވާލާފައިވާއިރު، ޕާސްޕޯޓަށް ފައިސާ ދެއްކުމަށާއި އޭގެ ފަހުން ޕާސްޕޯޓާއި ހަވާލުވުމަށް އިމިގްރޭޝަނަށް ދާންޖެހުނު ނަމަވެސް، އޮންލައިންކޮށް ޕާސްޕޯޓަށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެހިގެންދިއުމާއެކު، ދެން އިމިގްރޭޝަނަށް ދާން ޖެހޭނީ ހަމައެކަނި ޕާސްޕޯޓާއި ހަވާލުވުމަށްކަމަށެވެ.

މީގެއިތުރުން ކުރިން އީމެއިލް މެދުވެރިކޮށް ޕާސްޕޯޓު ހެއްދުމަށް ހުށަހެޅުމުން އެ ޚިދުމަތް، 48 ގަޑިއިރުގެ ތެރޭގައި ދެމުން އައިނަމަވެސް މިއަދުން ފެށިގެން އެޚިދުމަތަށް އެދޭތާ 24 ގަޑިއިރުތެރޭގައި ޚިދުމަތް ފޯރުކޮށްދެވޭނެކަމަށްވެސް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް އިތުރަށް ހަލުވި ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމުގައި އެ މުއައްސަސާއިން ދެމިތިބޭނެކަމަށާއި، ޚިދުމަތް އިތުރަށް ފަސޭހަކޮށް ފުޅާކުރުމުގެ ގޮތުން އޮންލައިން ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓުގެ ޚިދުމަތަށް އެދެވޭނެ އިންތިޒާމް މިއަހަރުގެ ތެރޭގައި ހަމަޖައްސައި ދޭނެކަންވެސް އިމިގްރޭޝަނުންވަނީ ހާމަކޮށްފައެވެ.