ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާޞިމް އިބްރާހީމް ދެއްވި މާހެފުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފިއެވެ.
18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު ޖަލްސާ މިއަދު ކުރިއަށްދާއިރު މިއަދު ބޭއްވި މާހެފުމުގައި ރައީސުލް ޖުމްހޫރިއްޔާގެ އިތުރުން ސަރުކާރުގެ ބައެއް ވަޒީރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަކީ ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން މިހިނގާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިންނަވަރު ދާއިރާއަށް އިންތިޚާބު ވެވަޑައިގެން، ރިޔާސީ އިންތިޚާބާއި ހަމައަށް އެދާއިރާ ތަމްސީލުކުރެއްވި މެންބަރެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ވަނީ ގިނަ އަހަރުތަކެއް ވަންދެން ރައީސް ޞާލިޙް މަޖިލީހުގައި ކުރެއްވި މަސައްކަތްޕުޅުތަކާއި، ޚައްސަކޮށް އެމް.ޑީ.ޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުގެ ގޮތުގައި ހުންނަވައިގެން ކޮށްދެއްވި މަސައްކަތްޕުޅުތައް ފާހަގަކުރައްވާ ރައީސަށް ޝުކުރު އަދާކުރައްވާފައެވެ.
މަޖިލިސް އިދާރާގައި މިއަދު އޮތް މާހެފުމުގައި 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަންވެސް ކުރެއްވި މިހާރުގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި، ގިނަ އަހަރުތަކެއްވަންދެން މަޖިލިސް މެންބަރުކަން ކުރެއްވި މިހާރުގެ ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީގެ އިތުރުން 17 ވަނަ ރައްޔިތުންގެ މަޖިލީހާއި 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަން ކުރެއްވި މިހާރުގެ ޔޫތް މިނިސްޓަރ އަޙްމަދު މަޚްލޫފުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.