ޚަބަރު

ހިއުމަން ޓްރެފިކިންގ ހުއްޓުވުމަށް ބޮޑު ކޭމްޕޭނެއް ފަށަނީ


އިންސާނީ ވަގުފާރިކުރުން ނުވަތަ ހިއުމަން ޓްރެފިކިން ހުއްޓުވުމަށް
މުޖުތަމައުގައި ހޭލުންތެރިކަން އިތުރުވުމުގެ ބޮޑު ކެމްޕެއިނެއް ފެށުމަށް
ތައްޔާރުވަމުންދާކަމަށް ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ހާމަކޮށްފިއެވެ.




ބުދަ ދުވަހު އިކޮނޮމިކް މިނިސްޓްރީގައި ނޫސްވެރިންނާއި ބައްދަލްކުރައްވާ ވާހަކަ
ދައްކަވަމުން ޑެޕިއުޓީ ޗީފް އިމިގްރޭޝަން އޮފިސަރ މުހައްމަދު ޝިފާން ވިދާޅުވީ،
ސަރުކާރުގެ ހުރިހާ އިދާރާތައް ގުޅިގެން ހިއުމަން ޓްރެފިކިން އާއި ބެހޭ ގާނޫނު
ތަންފީޒްކުރުމަށް އެކްޝަން ޕްލޭނެއް އެކުލަވާލާފައިވާކަމަށެވެ. އެކަމުގެ އެންމެ
ބޮޑު ބޭނުމަކީ އިންސާނީ ވަގުފާރި އާއި ގުޅުން ހުރި މައްސަލަތަކުގައި ދައުވާ
ކުރުމާއި އަނިޔާ ލިބޭ ފަރާތްތަކަށް ހިމާޔަތް ދިނުމާއި އަދި އެފަދަ މައްސަލަތައް
ހުއްޓުވުންކަމަށް ޝިފާން ވިދާޅުވިއެވެ. އެގަވާއިދުގެ ދަށުން، ރާއްޖޭގައިގަވާއިދާ ޚިލާފަށް
އުޅޭ ބިދޭސީން މަދުކުރުމަށާއި، ލޭބަރ މައިގްރޭޝަން ނިޒާމް ހަރުދަނާކުރުމަށާއި،
ގަވާއިދާ ޚިލާފްވާން ދިމާވާ ސަބަބުތައް ހަނިކޮށް، ރައްޔިތުންނާއި،
ބިދޭސީންނާއި،ބިދޭސީންނަށް ވަޒީފާ ދޭފަރާތައް މިގަވާއިދަށް ހޭލުންތެރިކަން
އިތުރުކުރުން ހިމެނޭކަމަށް ޝިފާން ވިދާޅުވިއެވެ. ރާއްޖޭގައި
ދިމާވާ އިންސާނީ ވަގުފާރީގެ ގިނަ މައްސަލަތައް ގުޅިފައިވަނީ ބިދޭސީންނާއި ކަމަށާއި
އެހެންކަމުން ލޭބާ ރެގިއުލޭޓަރީ އެންވަޔަރަމެންޓް ރަނގަޅު ކުރުމަށް ގަވާއިދުތައް
އިސްލާހު ކުރަމުންދާ ކަމަށް ވެސް ޝިފާން ވިދާޅުވިއެވެ.
މި ނޫސްވެރިންގެ ބައްދަލްވުމުގައި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ
މުހައްމަދު އަނީސް ވިދާޅުވީ، ޓްރެފިކް ކުރެވޭ މީހުން ބައިތިއްބުމަށް ޚާއްސަ
ތަނެއް ގާއިމްކުރުމުގެ ގޮތުން  ބިމެއް
ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އަނީސް ވިދަޅުވީ، އޮޅުވާލައިގެން
ބިދޭސީން ރާއްޖެ ގެނެސް އެފަރާތްތަކާއިމެދު އިހާނެތިކޮށް އަމަލްކުރަމުންދާކަމަށާއި،  އެފަދަ ކޭސްތައް ގިނައިން ރިޕޯޓްކުރަނީ ބިދޭސީ މީހާ
އަމިއްލައަށްކަމަށެވެ.  އެގޮތުން
މިހާރުވެސް ދެ މައްސަލައެއް ފާހަގަކުރެވިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި އިންސާނީ ވަގުފާރީއާއި ބެހޭ ގާނޫނެއް
ތަންފީޒް ކުރަން ފެށުމުން، އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ކޮންމެ އަހަރަކު
ޝާއިއު ކުރަމުން ގެންދާ ޓްރެފިކިން އިން ޕާސަންސް ރިޕޯޓުގެ ހިއުމަން ޓްރެފިކިން
ވޮޗް ލިސްޓުން ހަތަރު އަހަރަށް ފަހު، މިދިޔަ އަހަރު ރާއްޖެ މިހާރު ހިމަނާފައި ވަނީ
ދަރަޖަ ނުވަތަ ޓިއަރ ދޭއްގައެވެ. ރާއްޖޭގައި އެންޓި ހިއުމަން ޓްރެފިކިން
ގާނޫނު ތަސްދީގްކުރައްވާފައިވަނީ އަށެއް
ޑިސެމްބަރ2013 ގައެވެ.