ޚަބަރު

12 އަހަރުން ދަށުގެ ޗެމްޕިއަންކަން މިފަހަރުވެސް ހިތަދޫ ސްކޫލަށް


މަމެން އައްޑޫ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 12 އަހަރުން ދަށުގެ ޗެމްޕިއަން ކަން ހިތަދޫ ސްކޫލް ހޯދައިފިއެވެ.
އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމުގައި ކުޅެވުނު ފައިނަލު މެޗުގައި ހިތަދޫ ސްކޫލް ވާދަ ކުރީ ހުޅުދޫ ސްކޫލާއި. މިމެޗު ހިތަދޫ ސްކޫލް ކާމިޔާބު ކުރީ 2-1ކުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖެހީ ހިތަދޫ ސްކޫލްގެ އަހުމަދު މައިމޫން ރޫހުލް އަމީންއެވެ. ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ނުޖެހި ނިންމާލި އިރު ދެވަނަ ހާފުގައި ހުޅުދޫ ސްކޫލުން ވަނީ އެ ނަތީޖާ ހަމަހަމަ ކޮއްފައިއެވެ. ހިތަދޫ ސްކޫލަށް މެޗުން މޮޅުވެ މުބާރާތް ކާމިޔާބު ކޮއްދިން ލަނޑު މެޗުގެ 33 ވަނަ މިނެޓުގައި ޖަހައިދިނީ އަހުމަދު އަލްވިން ހަސަންއެވެ.
މުބާރާތް ނިމުމުގެ ރަސްމީއްޔާތަށް ފަހު ޕީއެސްއެމް އާއި ވާހަކަ ދައްކަމުން ހިތަދޫ ސްކޫލުގެ ކޯޗު މުހައްމަދު އުގެއިލް ބުނެފައިވަނީ، ކުދިންގެ ކުޅުމާއި މެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށާއި މިމުބާރާތް އައްޑޫގައި ބޭއްވެ މިއީ ދެވަނަ ފަހަރު ކަމަށް ވެފައި ދެފަހަރުވެސް މުބާރާތް ކާމިޔާބުކުރީ ހިތަދޫ ސްކޫލް ކަން އެނާ ފާހަގަ ކުރިއެވެ.

މެޗާއި ގުޅޭ ގޮތުން ހުޅުދޫ ސްކޫލުގެ ކޯޗު މުހައްމަދު ޝާހިދު ބުނީ މެޗުން ސްކޫލް ބަލިވެގެން ދިޔައީ ވަރުބަލިވެ ކުދިންނަށް ނުކުޅެވިގެން ކަމަށެވެ. ނަމަވެސް މިހާހިސާބަށް އައުމަށް ކުދިން ކުރި ހިއްވަރަށް ޝާހިދު ވަނީ މަރުހަބާ ކިޔާފައިއެވެ.
މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަޤާމު ހަ ލަނޑާއި އެކު 4 ކުދިންވަނީ ހޯދާފައި. އެއީ ހިތަދޫ ސްކޫލުގެ ދެ ކުޅުންތެރިން ކަމަށްވާ އަހުމަދު ޔާސީން އަބްދުﷲ އާއި އަހުމަދު މައިމޫން ރޫހުލް އަމީން އަދި ހުޅުދޫ ސްކޫލްގެ މާއިޒް މުޖްތަބާ މުހައްމަދާއި ޝަމްސުއްދީން ސްކޫލުގެ ހަސަން ޒާމިލްއެވެ. މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރަކީ ހިތަދޫ ސްކޫލުގެ ޔޫސުފް އަޔާން ހުސެއިންއެވެ.
މުބާރާތުގެ ފެއާޕްލެއި ޓީމް އަދި ރަނަރ އަޕް ޓީމަށް ވެސް ހޮވިފައިވަނީ ހުޅުދޫ ސްކޫލްއެވެ. މުބާރާތުގެ ގަދަ ދިހަ ކުޅުންތެރިންނަކީ ހިތަދޫ ސްކޫލުގެ މުހައްމަދު އައިމަން ހަސަން އަދި އަހުމަދު މައިމޫން ރޫހުލް އަމީން އާއި، ހުޅުދޫ ސްކޫލުގެ މުހައްމަދު ޒާހިލް ސަމީއު އަދި އަލީ ޔަޒާން މުހައްމަދު ނާސިރު އާއި ޝަމްސުއްދީން ސްކޫލުގެ ހަސަން ޒާމިލް އަދި އަހުމަދު ޒީޝަން އާއި، މަރަދޫ ސްކޫލުގެ އަބްދުﷲ އާފީ ރަޝީދު އަދި މަރަދޫ ފޭދޫ ސްކޫލުގެ މުހައްމަދު ސާމިހް މަންސޫރްއެވެ.

މަމެން އައްޑޫ އިންޓަރ ސްކޫލު މުބާރާތުގެ 12 އަހަރުން ދަށުގެ އުމުރުފުރާގައި އައްޑޫ އަށް ނިސްބަތްވާ 7 ސްކޫލެއް ވަނީ ވާދަކޮއްފައި. އަދި މިއީ މުބާރާތުގައި އެންމެ ގިނަ ސްކޫލް ވާދަ ކުރި އުމުރުފުރާވެސްމެއެވެ.