ވިޔަފާރި

އިމާރާތްކުރާ ތަންތަނުގައި ހިނގާ ހާދިސާތައް މަދުކުރުމަށް މަސީން ކޮންފަރެންސެއް ބާއްވަނީ


މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ ގެ އެނުއަލް ސޭފްޓީ އެންޑް ހެލްތް ކޮންފަރެންސް އަންގާރަދުވަހު ބާއްވާނެކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.

މިއީ އިމާރާތްކުރާ ސައިޓްތަކުގައި ހިނގާ ހިތާމަވެރި ހާދިސާތައް މަދުކޮށް އެކަންކަން ހުއްޓުވުމަށް މަސީން ބާއްވާ ކޮންފަރެންސްއެކެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މަސީގެ ސެކްރެޓަރީ ޖެނެރަލް އަދުނާން ހަލީމް ވިދާޅުވީ، މި ކޮންފަރެންސް ބޭއްވުމުގެ މައިގަނޑު މަޤްސަދަކީ ނިމިދިޔަ ދުވަސްތަކުގައި ގާތްގާތުގައި އިމާރާތްކުރާ ސައިޓްތަކުގައި ހިތާމަވެރި ހާދިސާތަކެއް ހިނގުމުންކަމަށެވެ. އެހެންކަމުން އިމާރާތްކުރާ ސައިޓްތަކުގައި މިފަދަ ހިތާމަވެރި ހާދިސާތައް ހިނގުން މަދުކުރުމަކީ މި ކޮންފަރެންސްގެ އަމާޒެވެ.

ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު 9 އިން ހަވީރު 3 އަށް ޗަމްޕާ ސެންޓްރަލް ހޮޓަލުގައެވެ. އަދުނާން ވިދާޅުވީ މަސީގެ މެންބަރުންނާއި އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް މި ކޮންފަރެންސްގައި ބައިވެރިވުމަށް ހުޅުވާލާފައިވާކަމަށެވެ.

މި ކޮންފަރެންސްގައި އިމާރާތްކުރުމުގެ ސިނާއަތުގައި ތަޖްރިބާކާރު ފަރާތްތަކުން މައުލޫމާތުދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި ދިވެހިންނާއި ބޭރުގެ ފަރާތްތައް ހިމެނެއެވެ. މި ކޮންފަރެންސްގައި އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް މަސީން އެދެއެވެ. މިއީ މި ކޮންފަރެންސް ބާއްވާ ފުރަތަމަ އަހަރެވެ.