ޓުއަރިޒަމް

އަރަބިއަން ޓްރެވެލް މާކެޓް ގައި ރާއްޖެ އިޝްތިހާރުކުރަނީ!


މެދުއިރުމަތީގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއަރ އަރަބިއަން ޓްރެވެލް މާކެޓް (އޭޓީއެމް) ގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

ދުބާއީގައި މިމަހުގެ 28 އިން އަންނަ މަހުގެ 1 ގެ ނިޔަލަށް ކުރިއަށްދާ މި ފެއަރގައި ރާއްޖޭގެ ފަރާތުން އެންމެ އިސްކޮށް ހަރަކާތްތެރިވަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަނުންނެވެ. އެމްއެމްޕީއާރުސީގެ ފަރާތުން ފެއަރ އެންމެ އިސްކޮށް ހުންނެވީ މެނޭޖިންގ ޑިރެކްޓަރ ޠައްޔިބު މުޙައްމަދެވެ. އެމްއެމްޕީއާރުސީއާއިއެކު ރާއްޖޭގެ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ 130 ފަރާތަކުންވެސް މި ފެއަރގައި ބައިވެރިވެ، ރާއްޖެ އިސްތިހާރުކުރުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.

މިއަހަރުގެ ފެއަރގައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން އެއްވެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވޭނެ އިތުރު ގޮތްތަކާއިމެދު މަޝްވަރާކުރާނެއެވެ. ދުބާއީގެ ވޯލްޑް ޓްރޭޑް ސެންޓަރުގައި ކުރިއަށްދާ މި ފެއަރގައި މިއަހަރު 150 ޤައުމަކުން 2،500 އެގްޒިބިޓަރުން ބައިވެރިވެއެވެ. އަދި މި ފެއަރއަށް 40،000 މީހުން ޒިޔާރަތްކުރާނެކަމަށް ވަނީ އަންދާޒާކޮށްފައެވެ. 2018 ވަނަ އަހަރުގެ އޭޓީއެމް ފެއަރއަށް 39،000 މީހުން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ އޭޓީއެމް ބާއްވާ 26 ވަނަ އަހަރެވެ.