ސިޔާސީ

ފަނޑިޔާރުކަމާއި މެމްބަރުކަން ކޮށްފައިވާ މީހުންނަށް އިނާޔަތްދޭ އިޞްލާޙުތައް މާދަމާއަށް އެޖެންޑާކޮށްފި


އައު ޤާނޫނު އަސާސީއާއެކު މަޤާމު ނިމުމަކަށް ގެނެވުނު އުއްތަމަ ފަނޑިޔާރަށް ޚާއްޞަ ޢިނާޔަތްތަކާއި އިމްތިޔާޒުތައް ލިބިދޭގޮތަށް ހުށައެޅި އިޞްލާޙާ މެދު ގޮތެއް ނިންމުމަށް މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާއަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަސް އަހަރު ދުވަހުގެ އެންމެ ފަހު ޖަލްސާއެވެ. މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި، އައު ޤާނޫނު އަސާސީއާއެކު މަޤާމު ނިމުމަކަށް ގެނެވުނު އުއްތަމަފަނޑިޔާރަށް ޚާއްޞަ ޢިނާޔަތްތަކާއި އިމްތިޔާޒުތައް ލިބިދޭގޮތަށް ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް އިސްލާޙްގެނައުމުގެ ބިލާމެދު ގޮތެއް ނިންމުން ހިމެނެއެވެ.

2008 ވަނަ އަހަރު ތަސްދީޤްކުރި ޤާނޫނު އަސާސީއާއެކު މަޤާމު ނިމުމަކަށް ގެނެވުނު އުއްތަމަފަނޑިޔާރަކީ، ދިގު މުއްދަތެއްވަންގެން ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމްގެ ވެރިކަމުގައި އުއްތަމަ ފަނޑިޔާރުގެ ގޮތުގައި ހުންނެވި، ކުރީގެ އުއްތަމަ ފަނޑިޔާރު އައްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމްއެވެ. އެހެންކަމުން އެމްޑީޕީގެ މެންބަރުން ވަނީ އެއީ ވަކި މީހަކަށް އަމާޒުކޮށް ގެންނަ އިޞްލާޙެއްކަން ފާގަކުރައްވާ އެ އިޞްލާހަށް ފާޑުވިދާޅުވެފައެވެ. އަދި އެއިޞްލާޙު ފާސްކުރުމަށް ވޯޓު ނުދޭނެކަމަށްވެސް އެޕާޓީން ބުނެއެވެ. މި އިޞްލާޙު ފަސްވިނަމަވެސް ޖޫންމަހު ފެށޭ 19 ވަނަ މަޖިލީހުގައި އެ އިޞްލާޙު އުވާލާނެކަމަށްވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

ނަމަވެސް ޖުމްހޫރީ ޕާޓީގެ މެންބަރުންނާއި ޕީޕީއެމް އަދި ޕީއެންސީގެ މެންބަރުން ވަނީ އެ އިޞްލާޙަށް ތާޢީދުކުރާކަން ހާމަކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވެގެންދިއުމުން އެބޭފުޅުންނަށް އިތުރު އިނާޔަތްތަކާއި އިމްތިޔާޒް ލިބިވަޑައިގަންނަވާ ގޮތަށް މެންބަރުންގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ޤާނޫނަށް ހުށައެޅުއްވި ހަތަރު އިޞްލާހަށް ބަހުސްކުރުމަށްވެސް މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވެވަޑައިގަތުމުންވެސް އެ މެންބަރުންނަށް އިތުރު އިމްތިޔާޒުތަކާއި އިނާޔަތްތައް ލިބޭގޮތަށް ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު ޙުށައެޅުއްވި އިޞްލާޙުގައި ވަނީ މެންބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށް އަދި އޭނާގެ އަނބިންނާއި ފިރިންނާއި 18 އަހަރު ނުފުރޭ ކުދިންނަށް ހެލްތު އިންޝުއަރެންސް ސްކީމާއި، ޑިޕްލޮމެޓިކް ޕާސްޕޯޓްވެސް ލިބެންވާނެކަމަށެވެ. ހަމަ އެ ޤާނޫނަށް ތިމަރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު މުޞްޠަފާ ހުށައަޅުއްވާފައިވަނީ މެންބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށް އެއަރޕޯޓުން ވީ.އައި.ޕީ ސަރވިސް ލިބެންވާނެކަމަށެވެ. ހަތަރު ވަނަ އިޞްލާޙު ހުށައަޅުއްވާފައިވަނީ ވެލިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން ރަޝީދުއެވެ. އޭނާ ހުށައަޅުއްވާފައިވަނީ މަޖިލީހުގެ މެންބަރުކަމުން ވަކިވުމަށްފަހު ދައުލަތުގެ އެއްވެސް ވަޒީފާއެއް އަދާކުރާނަމަ އެ ވަޒީފާއެއް އަދާކުރަމުންދާ މުއްދަތުގައި އިނާޔަތް ނުލިބޭނެކަމަށް ޤާނޫނުގައި ބުނާ މާއްދާ އުވާލުމަށެވެ.

އިމްތިޔާޒް ޤާނޫނަށް އިޞްލާޙު ހުށައެޅުއްވި އެ ތިން މެންބަރުންނަކީވެސް ނިމިދިޔަ މަޖިލިސް އިންތިޚާބު ނާކާމިޔާބުވެވަޑައިގެންނެވި މެންބަރުންނެވެ. މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުގެ ޤާނޫނުގައި މިހާރު ބަޔާންކޮށްފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން އެއް ދައުރު އަދާކޮށްފައިވާ މީހަކަށް، މާލީ ޢިނާޔަތެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ މަޤާމުގައި ހުންނަ މީހަކަށް އޮންނަ މުސާރައެއްގެ 30 އިންސައްތަ ދޭންޖެހެއެވެ. އެއީ ގާތްގަނޑަކަށް 25 ހާސް ރުފިޔާއެވެ. އަދި ދެ ދައުރު މެންބަރުކަން ކޮށްފައިވާ މީހަކަށް، މާލީ ޢިނާޔަތެއްގެ ގޮތުގައި 45 އިންސައްތަ ދައުލަތުން ދޭންވާނޭކަމަށް ބަޔާންކޮށްފައިވެއެވެ. އެއީ ގާތްގަނޑަކަށް ތިރީސް އަށްހާސް ރުފިޔާއެވެ. މީގެ އިތުރުން މިނިވަން މުއައްސަސާތައް ހަރުދަނާކުރުމުގެ ގޮތުން ހިއުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނަށް ހުށައެޅި އިޞްލާހަށާއި، ޓޫރިޒްމްގެ ޤާނޫނަށް ހުށައެޅި އިޞްލާހަށް ބަހުސްކުރުމަށްވެސް ވަނީ އެޖެންޑާކޮށްފައެވެ.