ޚަބަރު

މުއްދަތު ހަމަވުމުން ރަޖިސްޓްރީ ކުރުން މެދު ކަނޑާ ލެވޭނެ- އެންސްޕާ


ކަރަންޓް ސަބްސިޑީއަށް ރަޖިސްޓްރީކުރުމަށް މިހާރު ދީފައިވާ މުއްދަތު ހަމަވުމުން އެ މައުލޫމާތު އެނަލައިޒްކުރާ މުއްދަތުގައި އިތުރަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު މެދުކަނޑާލެވޭނެކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާއިން ބުނެފިއެވެ.އެންސްޕާއިން ވަނީ ކަރަންޓް ސަބްސިޑީއަށް އެދި ރަޖިސްޓްރީކުރުމުގެ މުއްދަތު އަންނަ މެއިމަހުގެ ނުވަވަނަ ދުވަހާއި ހަމައަށް އިތުރުކޮށްފައެވެ. އެ އެޖެންސީން ބުނީ މައުލޫމާތު އެނަލައިޒްކުރުމަށްފަހު ސަބްސިޑީ ދެވޭނެ އުސޫލްތަކާއި ރަޖިސްޓްރޭޝަންއަށް އަލުން ހުޅުވާލެވޭނެ ތާރިޚަކާއި ގުޅޭގޮތުން ސަރުކާރުން ނިންމާގޮތެއް ފަހުން އަންގާނެކަމަށެވެ.ކަރަންޓް ސަބްސިޑީ އަށް އެދުމުގެ ފުރުސަތު ފެބުރުއަރީ މަހުގެ ތެރޭގައި އަލުން ހުޅުވާލީ ހައްގުވެރިންނަށް ސަބްސިޑީ ދިނުމަށްކަމަށް އެންސްޕާއިން ބުނެއެވެ. ކަރަންޓް ސަބްސިޑީ ރާއްޖޭގައި ދޫކުރަނީ ހައްގުވާ މީހުންގެ ބާރަ ޕަރސެންޓަށް ކަމަށް ވޯލްްޑް ބޭންކްގެ ރިޕޯޓެއްގައި ވަނީ ބުނެފައެވެ.ރައީސް އޮފީހުގެ އިކޮނޮމިކް ކައުންސިލްގެ މެމްބަރ އަދި ފިޝަރީޒް މިނިސްޓަރ މުހައްމަދު ޝައިނީ ވިދާޅުވެފައިވަނީ ސަބްސިޑީއަށް އެދުމުގެ ފުރުސަތު އަބަދުވެސް ސަރުކާރުން ހުޅުވާލައްވާފައި އޮންނާނެކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މީހުންގެ ދިރިއުޅުމަށް އަންނަ ބަދަލަކުން އަބަދުވެސް ސަބްސިޑީއަށް އެދުމުގެ ފުރުސަތު އޮންނަންޖެހޭނެކަމަށް ސަރުކާރުން ގަބޫލުކުރައްވާކަމަށެވެ.