ސްޕެނިޝް ލަލީގާގައި އެންމެ ފަހުގެ ޗެމްޕިއަން އެފްސީ ބާސެލޯނާ އާއި އެލްޗޭ ބައްދަލުކުރި މެޗު ބާސާއިން ސަފޭހަ ކަމާއެކު ކާމިޔާބު ކޮށް ފެށުން ރަނގަޅު ކޮށްފިއެވެ.
އެލްޗޭގެ އެސްޓާޑިއޯ މެނުއެލް މާޓިނޭޒް ވަލޭރޯގައި ކުޅުނު މިމެޗު ބާސާއިން ކާމިޔާބު ކޮށްފައިވަނީ 5 ލަނޑު ސުން ލަނޑުންނެވެ. ބާސާއިން ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދި މިމެޗުގައި އެޓީމުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ލިބުނު ޕެނަލްޓީ އަކުންނެވެ. މެޗުގެ 14 ވަނަ މިނެޓުގައި ރަފީނިއާއަށް އެލްޗޭގެ ވިކްޓަރ ޗުސްޓް ކުރި ފައުލަކާއި ގުޅިގެން ލިބުނު މިޕެނަލްޓީ ކާމިޔާބު ކޮށްދިފައިވަނީވެސް ރަފީނިއާއެވެ. މިމެޗުގެ ފުރަތަމަ ހާފުގައި އެލްޗޭއިން ބާސާގެ ގޯލަށް ނުރައްކާ ކުރި ނަމަވެސް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. މިމެޗުގައި ބާސާއިން ކާމިޔާބު ކުރި ދެވަނަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖަހައިދިނީ މިސީޒަންގައި ޖަރުމަނު ބުންޑެސްލީގާގެ ބޮރޫޝިއާ ޑޯޓްމުންޑުން އެޓީމާއި އަލަށް ގުޅުނު ކަރީމް އަޑެޔޭމީއެވެ.
މިލަނޑާއެކު ފުރަތަމަ ހާފު ދެ ލަނޑުގެ ލީޑެއްގައި އޮވެ ބާސާއިން ނިންމާލިއިރު ދެވަނަ ހާފުގައިވެސް ބާސާގެ ފަރާތުން އެމޮޅު ކުޅުން ފެނިފައިވެއެވެ. މިމެޗުގައި ބާސާގެ ތިންވަނަ ލަނޑު މެޗުގެ 67 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބު ކޮށްދިން ރަފީނިއާއެވެ. މިލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައިވަނީ މިސީޒަންގައި އިންގްލިޝް ޕްރިމިއަރ ލީގުގެ ނިއުކާސްލް ޔުނައިޓެޑުން ބާސާއަށް އަލަށް ގުޅުނު އެންތަނީ ގޯޑަންއެވެ. މިމެޗުގައި ބާސާއިން ކާމިޔާބު ކުރި ހަތަރު ވަނަ ލަނޑު މެޗުގެ 71 ވަނަ މިނެޓުގައި ގޯޑަން ތަނަވަސްކޮށްދިން ދެވަނަ ފުރުސަތުގައި ކާމިޔާބު ކޮށްދިނީ ފަރމިން ލޯޕޭޒްއެވެ. އަދި ފަހު ލަނޑު މެޗުގެ 79 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ވެސް ލޯޕޭޒްއެވެ.
މިކާމިޔާބީ އާއެކު ބާސާއިން ލަލީގާގެ ތަށި ދިފާއު ކުރުމުގެ މަސައްކަތް ބޮޑު ކާމިޔާބީ އަކާއެކު ފަށާފައިވާއިރު އެންމެ ބޮޑު ވާދަވެރިން ކަމަށްވާ ރެއާލް މެޑްރިޑްވެސްވަނީ އެޓީމުގެ ފުރަތަމަ މެޗު ރަށުން ބޭރުގައި އެސްޕަންޔޯލް އާއި ބައްދަލުކޮށް 2 ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްފައެވެ.
މީގެއިތުރުން މިމުބާރާތުގައި ގެޓާފޭ އާއި ރޭސިންގ ސަންޓަންޑަރ ބައްދަލުކުރި މެޗު އެއް ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ ގެޓާފޭއެވެ.