ޚަބަރު

މި ލަފުޒު ކިޔަން އެނގޭތަ؟


ދުނިޔޭގެ އެކިކަންކޮޅުތަކުގައި ލިޔަން ކިޔަން ނޭނގޭ 660 މިލިއަން ކުޑަކުދިން ދިރިއުޅެއެވެ. ދާދި ފަހުން އިންޓަނޭޝަނަލް އެއިޑް ކެމްޕޭން އައިއޭސީއިން ޢާންމުކުރި ވީޑިއޯއެއްގައިވަނީ ސޫރިޔާގައި މިހާލަތު އާންމުންނަށް ހާމަކޮށްފައެވެ. 1 މިނެޓް 53 ސިކުންތުގެ މިވީޑިއޯ ބެލުމަށްފަހު ގިނަބަޔަކަށްވަނީ ފުން އަސަރުތަކެއް ކުރުވާފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޙާލުގައި ޖެހިފައިވާ އެތަށް މިލިއަން ބަޔަކު ދިރިއުޅެއެވެ. ދުނިޔޭގެ އުތުރުން ދެކުނަށް، އަދި ހުޅަނގުން އިރުމައްޗާ ހަމައަށް ބަލާލިއަސް ބަނޑުހައި ހޫނުކަމާއި، ބިކަ ޙާލުގައި ޖެހިފައިވާ އެތަށް ޢާއިލާތަކެއްވެއެވެ. މީގެތެރޭގައި ގިނަ ޢަދަދެއްގެ ކުޑަކުދިންވެސް ހިމެނެއެވެ.

އދ.ގެ ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ދުނިޔޭގެ އާބާދީގެ %74އަކީ ފަޤީރުކަމުގައި އުޅޭ މީހުންނެވެ. އޭގެތެރޭގައި 660 މިލިއަން ކުޑަކުދިން ހިމެނެއެވެ. މިފަދަ ކުދިން އެންމެގިނަ ޤައުމުތަކުގެ ތެރޭގައި އެފްރިކާ ބައްރުގެ ފަޤީރު ޤައުމުތަކާއި ސޫރިޔާ، މިޔަންމާ، ޔަމަން އަދި ފަލަސްތީން ފަދަ ޤައުމުތަށް ފާހަގަކޮށްލެވެއެވެ.

މިފަދަ ކުދިންނަށް ކާނެއެއްޗެއްގެ މިންވަރުވެސް ނުލިބިފައިވާއިރު އެކުދިންވަނީ އެއްވެސް ކުށެއްނެތި އަސާސީ އިންސާނީ ޙައްޤުތަކުންވެސް މަޙުރޫމުވެފައެވެ.

ދުނިޔެ ތަރައްޤީވެ ޤައުމުތަށް ތަރައްޤީގެ ރޭހުގައި އެއްޤައުމު އަނެއް ޤައުމާއި ވާދަކުރަމުންދާއިރު، މިފަދަ ކުދިން ތަޙައްމަލުކުރަން ދަނީ ދަތިއުނދަގޫ ކެތްނުކުރެވޭ ހިތްދަތި ދުވަސްތަކަކެވެ. ލިޔަންކިޔަން ނޭނގި ދުނިޔޭގައި އެތައް ކުދިންނެއް ދިރިއުޅެއެވެ.

ސޫރިޔާގެ ކުޑަކުދިންގެ ޙާލަތު ދައްކުވައިދޭ 1 މިނެޓާއި 53 ސިކުންތުގެ މިވީޑިއޯއިން ދައްކުވައިދެނީ މިކޭމްޕްގައި ދިރިއުޅޭ ކުދިންނަށް ކަރުދާސް ގަނޑެއްގައި ޖަހާފައިވާ ލިއުމެއް ކިޔުމަށް ޙަވާލުކުރެވޭ މަންޒަރެވެ. މިސުވާލު އެކި ޢުމުރުގެ އެކިކުދިންނަށް އަމަޒުކުރުމުން މިއިން އެއްވެސް ކުއްޖަކަށް މިގަނޑުގައި ލިޔެފައިވާ ލިޔުން ކިޔާކަށް ނޭނގުނެވެ.

ހަނގުރާމައިގެ ސަބަބުން ބިކަހާލުގައިޖެހި އެކުދިން ސްކޫލަށް ނުދާވާހަކަ ފުން އަސަރާއިއެކު އެކުދިން މިވީޑިއޯގެ ޒަރިއްޔާއިން ކިޔައިދެއެވެ. ޖުމުލަ 12 ކުއްޖަކާ މި ސުވާލުކޮށްފައިވާއިރު، މި ކަރުދާހުގައި ލިޔެފައިވާ ލަފްޒު ދައްކާލަނީ ވީޑިއޯ ނިންމާލަމުންނެވެ. މިލަފްޒުފެނުމާއިއެކު ލޮލުން ކަރުނަ ހިލުނެވެ.

ހިތަށް ފުން އަސަރުތަކެއް ކުރުވިއެވެ. އެކަރުދާހުގައި ލިޔެފައިވަނީ މަތިވެރި މާތްﷲގެ އިސްމަފުޅެއެވެ. އެކުދިންނަކީ މުސްލިމުންނެވެ. އެހެންނަމެވެސް، ސޫރިޔާގައި ބިކަޙާލުގައި ޖެހި ރެފިއުޖީ ކޭމްޕްތަކުގައި ދިރިއުޅެން ޖެހުމުން އެކުދިންނަށް ލިޔަންކިޔަން ދަސްކުރެވޭނެފަދައެއްވެސް ނެތެވެ.

އައިއޭސީއިން އާންމުކުރި ވީޑިއޯ..

ދުނިޔެ ކުރިއަރައި ތަރައްޤީވަމުންދާއިރު، މިފަދަ ޙާލެއްގައި އިންސާނުންގެ ތެރެއިން އެއްބަޔަކު އުޅެންޖެހުމަކީ އެކަމުގެ ހިތާމަ އަޅުގަނޑުމެން އެންމެން ކުރަންޖެހޭކަމެކެވެ. މިކުދިންގެ ޙައްޤުޤައި މިއަދު އަޅުގަނޑުމެން އެންމެން މިއަދުމިވަނީ ނުކުންނަން ޖެހިފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޙާލުގައި ޖެހިފައިވާ ނިކަމެތިންނަށް އެހީވުމަށް މަސައްކަތްކުރާ ރާއްޖޭގެ އެހީދޭ ޙަރަކާތެއްކަމަށްވާ "އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން"އިން މި ވީޑިއޯ ޢާންމުކޮށްފައިވާއިރު، މިވީޑިއޯވަނީ ގިނަ ޢަދެއްގެ ބަޔަކު ބަލައި ޝެއަރވެސް ކޮށްފައެވެ. އެހެންނަމަވެސް، ސުވާލަކީ މިފަދަ ޕޯސްޓަކަށް ލައިކް ކޮއްލައި ޝެއަރ ކޮއްލުމުން އެ ނިމުނީތޯއެވެ.

މި ސުވާލުގެ ޖަވާބު ވަރަށް ސާފެވެ. މި ފަދަ ނިކަމެތި އިންސާނުންނަށް ވަކިން ޚާއްސަކޮށް އަޅުގަނޑުމެންގެ މުސްލިމު އަޙުންނާއި އުޚުތުންނަށް ވީ ވަރަކުން އެހީތެރިވުމަކީ އަޅުގަނޑުމެންގެގެ މާތް ދީން އެކަމަކަށް ގޮވާލާ މަތިވެރިކަމެކެވެ. މި މާތް މަސައްކަތް ކުރުމުގެ މަގު އައިއޭސީއިން މިހާރު މިވަނީ ވަރަށް ފަސޭހަކޮށްދީފައެވެ. އައިއޭސީގެ މަދަދާއިއެކު ސޫރިޔާގެ ނިކަމެތި މުސްލިމުންނަށް އެހީވުމުގެ ފުރުސަތު އެބައޮތެވެ.

އައިއޭސީއިން މަޢުލޫމާތުދޭ ގޮތުގައި، ސުރިޔާގެ ކޮންމެ 3 ކުދިންގެ ތެރެއިން އެއް ކުއްޖަކީ ސްކޫލަށް ނުދާކުއްޖެކެވެ. އަދި އެޤައުމުގެ ކޮންމެ 3 ސްކޫލަކުން އެއް ސްކޫލްވަނީ ބިމާއި ހަމަކޮށްލާފައެވެ. މި ސަބަބައްޓަކައި ސޫރިޔާގައި މިހާރު 5.8 މިލިއަން ކުދިން އެއްވެސް ތަޢުލީމެއް ނުލިބި ބިކަޙާލުގައި ދިރިއުޅެމުންދެއެވެ.

އައިއޭސީގެ މަދަދާއިއެކު ސޫރިޔާގެ ނިކަމެތި މި ކުދިންނަށް ކިޔަވާނެ މަދުރަސާއެއް ބިނާކޮށްދިނުމަށް އެހީވެވިދާނެއެވެ. އެއީ ކިތަންމެ ކުޑަ މިންވަރެއް ނަމަވެސް އެކަންވެގެންދާނީ މި ތުއްތު ކުދިންނަށް އެކުދިން ދީނީ ގޮތުން އެގެންޖެހޭ މައުލޫމާތުތައް އަންގައިދިނުމަށް އެޅޭ މުހިއްމު ފިޔަވަޅަށެވެ.