ތަޢުލީމު

ކަލާފާނު ސުކޫލުގެ ކިޔެވުން މިއަދާއި މާދަމާ ނުބާއްވަން ނިންމައިފި


ކަލާފާނު ސްކޫލުގައި ދުވާ ތެޔޮ ވަހެއްގެ ސަބަބުން މިއަދާއި މާދަމާ އެސްކޫލްގައި ކިޔެވުން ނުބާއްވާގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.ސްޓެލްކޯ އިންޖީނުތަކުން ދުވާ ތެޔޮ ވަހުގެ ސަބަބުން ކަލާފާނު ސްކޫލްގެ ކުދިންނަށް ސިއްހީ ގޮތުން މައްސަލަތަކެއް ދިމާވެފައިވާތީ، އެކަމާއި ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވިދާޅުވީ، މި މައްސަލަ ފާހަގަކުރެވިފައި ވަނީ އިއްޔެގެ ވަގުތެއްގައިކަމަށެވެ. އެހެންކަމުން އިއްޔެއިން ފެށިގެން ސްޓޭލްކޯއާއި އެންވަޔަރަމަންޓް މިނިސްޓްރީއާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން އެކަން ދިމާވި މައްސަލަ ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.މި ބައްދަލްވުމުގައި އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހިމް ވިދާޅުވީ، އެސަރަހައްދުގައި ތެޔޮވަސް ދުވަން ދިމާވި ސަބަބު ޔަގީންކޮށް ބުނަން އެނގޭނީ އަންނަ ހޮނިހު ދުވަސް ހިސާބުގައިކަމަށެވެ.އެވަހަކީ ސްޓޭލްކޯގެ އިންޖީނުތަކުން ދުވާ ވަހެއް ނަމަވެސް، އެވަސް ކަލާފާނު ސްކޫލް ހުރި ސަރަހައްދުގައި ފެތުރިފައިވަނީ މިދުވަސްކޮޅު އެސަރަހައްދުގައި ވައި ހުރިގޮތުންކަމަށް ލަފާކުރެވޭކަމަށްވެސް މިނިސްޓަރ ޠާރިގް ވިދާޅުވިއެވެ.