ސިޔާސީ

އަދީބު ފިސްތޯލަ ގެންގުޅުނު މައްސަލައިގެ ހުކުމް ބާތިލް ކޮށްދިނުމަށް އެދިއްޖެ


ފިސްތޯލައެއް ގެންގުޅުނު މައްސަލާގައި ކްރިމިނަލް ކޯޓުން ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބަށް އިއްވި 10 އަހަރުގެ ޖަލު ޙުކުމް ބާތިލުކުރުމަށް ދައުލަތުން ސްޕްރީމް ކޯޓުގައި އެދިއްޖެއެވެ.

2015ވަނަ އަހަރުގެ މޭ މަހުގެ އެއްވަނަ ދުވަހު އޭރުގެ އިދިކޮޅު ފަރާތްތަކުން "މޭޑޭ"ގެ ނަމުގައި ބޭއްވި މުޒާހަރާއާ ގުޅިގެން އަދީބު ފިސްތޯލައެއް ގެންގުޅުނު ކަމަށް ބުނެ އެނާގެ މައްޗަށް ދައުލަތުން ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، 10 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން 2016ވަނަ އަހަރުވަނީ ޙުކުމް ކުރައްވާފައެވެ. އަދި އެ ޙުކުމަށް ހައިކޯޓުން ވަނީ ތާޢީދުވެސް ކުރައްވާފައެވެ.

އެ ޙުކުމް އަދީބުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން ދަޢުލަތުން ވަނީ އަދީބު ގެންގުޅުނު ފިސްތޯލައަކީ އަސްލު ފިސްތޯލައެއްކަން ހެކިންގެ ހެކިބަހުން ސާބިތުނުވާ ކަމަށް ވިދާޅުވެފައެވެ. އަދި ހެކިބަސްދިން ދެމީހަކު ބުނެފައިވަނީ އެހެކިންނަށް ޔަގީންނުވާ އަދި އެމީހުންނަށް ޤަބޫލުކުރެވޭ ވާހަކަތަކެއްކަމަށްވާތީ އެމައްސަލައިގައި އަދުލުވެރި ޙުކުމެއް ކޮށްދިނުމަށް ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އެދިވަޑައިގެންފައެވެ.

އެކަމާއިގުޅިގެން ފިސްތޯލައެއް އެއްވެސް ސިފައެއްގައި ގެންގުޅުނިންތޯ ފަނޑިޔާރުންގެ ބެންޗުން އަދީބާ ސުވާލުކުރެއްވުމުން އޭނާ ވިދާޅުވީ ފިސްތޯލައެއް ގެންގުޅުނުކަމަށް ބުނެ އޭނާއަށް ދައުވާކުރީ އޭރު އަދާކުރައްވަމުންގެންދެވި ދިވެހިރާއްޖޭގެ ނާއިބު ރައީސްގެ މަޤާމުން ވަކުކިކުރުމަށް ކަމަށާއި، އެހެންކަމުން އެއީ ސިޔާސީ ދައުވާއެއްކަމަށެވެ. އަދި އޭނާއާއި ދެކޮޅަށް ދިން ސިއްރު ހެކިން ދިން ހެކިބަހަކީ ކަނޑައެޅިގެން ދޮގު ހެކިބަސްތަކެއް ކަމަށާއި، ދުވަހަކުވެސް ފިސްތޯލެއް ނުގެންގުޅުއްވާކަމުގައި އަޙްމަދު އަދީބު ވިދާޅުވިއެވެ.

ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުން އަދީބުގެ މައްޗަށް އިއްވި 10 އަހަރުގެ ޖަލު ޙުކުމާއި އަދި ހައިކޯޓުން އެހުކުމަށް ތާޢީދުކުރީވެސް އޭރު ދައުލަތުން އެގޮތަށް ވަކާލާތު ކުރުމުންކަމަށްވާއިރު، އެކަމާއި ގުޅޭގޮތުން މިހާރު ދައުލަތުގެ ފަރާތުން އެދޭގޮތް ސާފުކޮށްދިނުމަށް ދަޢުލަތުގެ ވަކީލުންގެ އަރިހުން ފަނޑިޔާރުންގެ ބެންޗުން ވަނީ އެދިވަޑައިގެންފައެވެ.

ދަޢުލަތުގެ ވަކީލު ވިދާޅުވީ މިމައްސަލާގައި ކްރިމިނަލް ކޯޓުގައި ދީފައިވާ ހެކިބަސްތަކުން ޝައްކެއްނެތް މިންވަރަށް މައްސަލަ ސާބިތުނުވާކަމަށާއި، އަދީބު ގެންގުޅުނީ ފިސްތޯލެއްކަން ޔަގީންކުރުމަށް ޙަބީރުންގެ [ކަމާ ގުޅޭ ތަޖުރިބާކާރުންގެ] ހެކިބަހާއި، ފުރިހަމަ ތަޙުގީގު ރިޕޯޓެއް ހުށަހަޅަންޖެހޭކަން މައްސަލަ ރިވިއުކުރުމުން އެނގިގެން ދިޔަކަމަށެވެ. އެހެންކަމުން ކުރިމިނަލް ކޯޓާއި ހައިކޯޓުގެ ޙުކުމްވެސް ވެސް ރަނގަޅު ނޫންކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވިއެވެ.

މިމައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި މައްސަލައާއި ގުޅޭ ފަހު ފުރުސަތު އަދީބަށް އެރުވުމުން އޭނާގެ ވަކީލު ވިދާޅުވީ، އަދީބުގެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކަށް ޕީޖީ އޮފީހުންވެސް އިއުތިރާފްވެފައިވާ ކަމަށެވެ. އެހެންކަމުން ކްރިިނަލް ކޯޓުން ކުރި ޙުކުމާއ އަދި ދަށު ކޯޓުގެ ޙުކުމަށް ހައިކޯޓުން ތާޢީދުކޮށް ކުރި ޙުކުމަކީވެސް ބާތިލް ދެ ޙުކުމްކަން ސާފުވެގެން ހިނގައްޖެ ކަމަށް އަދީބުގެ ވަކީލު ވަނީ ވިދާޅެވެފައެވެ. އެހެންކަމުން ދަޢުލަތުން އެދުނު ގޮތަށް އަދީބުގެ މައްޗަށް އިއްވާފައިވާ ޙުކުމް ބާތިލުކުރުމަށް އަދީބުގެ ވަކީލުވެސް ވަނީ ފަނޑިޔާރުންގެ ބެންޗުގައި ދަންނަވާފައެވެ.

މިއަދުގެ ޝާރީއަތް ނިންމާލައްވަމުން މިމައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނެވި އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު އަބްދުﷲ ދީދީ ވިދާޅުވީ މިމައްސަލާގައި ދެން އޮންނާނީ ޙުކުމް އިއްވުންކަމަށެވެ.