ވިޔަފާރި

އަންހެނުންފުށިން މިފަހަރުގެ ރޯދައަށް ދަނޑުވެރިކަމުގެ އެއްވެސް ބާވަތެއް ނުނެރެވޭނެ - ގަމީރާ


މިއަހަރުގެ ރޯދަމަހަށް ދަނޑުވެރިކަމުގެ އެއްވެސް ބާވަތެއް މާކެޓަކަށް ނުނެރެވުން އެއީ ހިތާމައެއްކަމަށް މަޝްހޫރު ދަނޑުވެރިޔާ ގަމީރާ އާދަމް ބުނެފިއެވެ.

މަޝްހޫރު ދަނޑުވެރިޔާ ގަމީރާ އާދަމް ކުއްޔަށް ހިފައިގެން ހިންގަމުން އަންނަ އަންހެނުންފުއްޓަކީ ބ.އަތޮޅުގައި ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުން އަންނަ ރަށެވެ. ރާއްޖޭގެ ގިނަ ރިސޯޓްތަކަކަށް ދަނޑުވެރިކަމުގެ އެކި ބާވަތްތައް މާކެޓް ކުރާ މިރަށުން މީގެ 13 އަހަރު ކުރިން ކޮންމެ ރޯދަމަހަކު ވަނީ ދަނޑުވެރިކަމުން ހައްދާ ގިނަ ބާވަތްތަކެއް މާރުކޭޓަށްވެސް ނެރެފައެވެ.

ރާއްޖޭގެ ގިނަ އަންހެނުންނަށް ނަމޫނާ ދައްކަމުން އަންނަ ގަމީރާ އާދަމް ބުނީ، މިއަހަރު ރޯދައަށް ދަނޑުވެރިކަމުން ނެރޭ އެއްވެސް ބާވަތެއް ނުނެރެވެނީ ފާއިތު ވެދިޔަ ހަމަސް ދުވަހު އެއްވެސް މަސައްކަތެއް އަންހެނުންފުށީގައި ކޮށްފައި ނުވާތީ ކަމަށެވެ.

ސަބަބެއްކަމަށް ގަމީރާ ބުނީ، އާއިލާ މީހަކު ބަލިވެގެން ގިނަ ދުވަސްތަކެއް ވަންދެއް ރަށުގައި އުޅެން ޖެހުމުންކަމަށެވެ. ގަމީރާ ބުނީ ދަނޑުވެރިކަން ފުޅާ ކުރުމުގެ ވިސްނުން އަބަދުވެސް ގެންގުޅޭ ކަމަށާ، އެގޮތުން ފާއިތުވެދިޔަ ދުވަސް ތަކުގައި މިކަން ފުޅާ ކުރުމަށް ގިނަ މަސައްކަތްތަކެއް އަންހެނުންފުށީގައި ކޮށްފައިވާކަމަށެވެ.

އަންހެނުންފުށީގައި ބިދޭސީން ތަކެއް ގޮވައިގެން މަސައްކަތް ކުރަމުންދާ ގަމީރާ ބުނީ ފެންވެރުމަށާ، ބުއިމަށް އަދި ކެއްކުމަށް ބޭނުން ކުރާ ފެނަކީ ބާޒާރުގައި ވިއްކާ ފެންކަމަށެވެ. އަންހެނުންފުށީގެ ފެން ފަށަލަ ހަލާކުވުމުން ފެނަށް ކުރަންޖެހޭ ހޭދަ އިތުރު ވެފައިވާކަން ފާހަގަކުރަމުން ގަމީރާ ބުނީ، ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެތެރޭގައި އެކަމަށް ހައްލެއް ލިބިގެން ދާނެކަމަށެވެ.

އެގޮތުން ގަމީރާ ވަނީ އަންހެނުންފުށީގައި ދުވާލަކު 8 ޓަނު ފެން އުފެދޭ ޕްލާންޓެއް ބެހެއްޓުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން މި ފެންޕްލާންޓުން ފެން އުފައްދަން ފެށުމުން އެކަމަށް ވަރަށް ބޮޑު ލުޔެއް ލިބިގެން ދާނެކަމަށް ގަމީރާ ފާހަގަކުރިއެވެ. މި ޕްލާންޓުން އުފައްދާ ފެން ބޭނުން ކުރާނީ ދަނޑުވެރިކަމުގައި ހައްދާ ގަސްތަކަށް ފެންދިނުމަށާ، ފެންވެރުމަށެވެ.

ފެން ޕްލާންޓުގެ މަސައްކަތް ނިމުމުން ދަނޑުވެރިކަމުގެ މަސައްކަތް އަލުން ފަށައި، ރާއްޖޭގެ ދަނޑުވެރިކަން ކުރާ މީހުންނަށް ނަމޫނާ ދައްކާނޭކަމަށް ގަމީރާ ބުނެއެވެ.

މީގެ ކުރިން އަންހެނުންފުށިން މާކެޓަށް ނެރޭ ބާވަތްތަކުގެ ތެރޭގައި ކަރާ، ފަޅޯ، މިރުސް، ބަށި، ކިއުކަމްބާ، ބަޓާނާގެ އިތުރުން ފަތްޕިލާވެލީގެ ބާވަތްތައް ހިމެނެއެވެ. އަންހެނުންފުއްޓާއި ދުރުގައި އުޅެން ޖެހުނު ނަމަވެސް ގަމީރާގެ ވިސްނުން ދަނޑުވެރިކަމުގެ މަސައްކަތާއި ދުރަށް ނުދާކަމަށް ގަމީރާ ބުނެއެވެ. ގަމީރާ މިހާރުވެސް އަންނަނީ އޭނާގެ ރަށް، ތޮއްޑޫގައި އުޅެމުން ދަނޑުހެއްދުމަށް އެރަށުން ބިމެއް ކުއްޔަށް ނަގައިގެން މަސައްކަތްކުރަމުންނެވެ.