ޚަބަރު

އާންމުންނަށް އުނދަގޫ ނުވާގޮތަށް ޕާކު ކުރުމަށް އިލްތިމާސް ކޮށްފި


އާއްމު ގެދޮރާ މިސްކިތްތަކާއި ފިހާރަތަކާއި ގަރާޖް ފަދަ ތަންތަނަށް ވަދެނިކުމެ އުޅުމަށް ދަތިވާ ގޮތަށް އެފަދަ ތަންތަނުގެ ދޮރުމަތީގައާއި އަދި ގޯޅިތަކުގެ ކަންކަން މަތީގައި ޕާކް ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.މިކަމާއި ގުޅިގެން ފުލުހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިކަމަކީ މަގު ބޭނުންކުރާ އެތައް ބަޔަކަށް  އޭގެ ދަތި އުނދަގޫ ފޯރަމުންދާ ކަމަކަށްވާއިރު އެކަމުގެ ޝަކުވާތައް ކޮންމެދުވަހަކުވެސް ފުލުހުންނަށް ހުށަހެޅެމުންދާކަމަށެވެ. އަދި އެގޮތަށް ޕާކް ކުރުމުން މަގުތައް ބްލޮކްވުމުގެ މައްސަލަތަކާއި، އެއްވެސް ކޮޅަކަށް ނުދެވި ތާށިވެ ގިނައިރު ތިބެން ޖެހޭ މައްސަލަ އާއި، އަމިއްލަ ގެދޮރާއި ފިހާރަތަކަށް ވަދެނިކުމެވުމަށް ދަތިވާ މައްސަލަތައް ދިމާވަމުންދާކަމަށް ފުލުހުން ބުނެއެވެ.މާލޭގެ މަގުތަކަކީ ދަތުރު ފަތުރާ ހިނގާބިނގާވެ މީހުންނަށް ކާރޫބާރު ބޮޑު، ތޮއްޖެހިފައިވާ މަގުތަކަކަށް ވީހިނދު، ހަނި ގޯޅިތަކުގައާއި ކަންކަން މަތީގައި ތަރުތީބެއްނެތި އެއްގަމު އުޅަނދު ޕާކްކުރުމަކީ އެކަމުގެ ސަބަބުން އެތައް ބަޔަކަށް އޭގެ ދަތި އުނދަގޫތައް ފޯރުމުގެ އިތުރުން ހީވެސް ނުކުރާފަދަ ނުރައްކާތެރި އެކްސިޑެންޓް ހިނގަން މެދުވެރިވެދާނެ ސަބަބެއް ކަމަށާއި، އެކަމުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓް ހިނގާފައިވާކަންވެސް ފުލުހުންގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި މަގުތައް ބޭނުންކުރައްވާ ހުރިހާ ފަރާތްތަކުން ފަރުދީ ޒިންމާ ނަންގަވައި، އެއްގަމު ދަތުރުފަތުރުގެ  ޤާނޫނާއި ޤަވާއިދުތަކަށް ޒިންމާދާރު ކަމާއެކު ބޯލެނބުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.މާލޭގެ މަގުތައް ތަރުތީބުކޮށް ބެލެހެއްޓުމަށް ފުލުހުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ދަށުން، ޤަވާއިދާ ޚިލާފަށް ޕާކްކުރާ ފަރާތްތަކާމެދު ދަނީ ފިޔަވަޅު އަޅަމުންނެވެ.އެއްގަމު އުޅަނދު ޕާރކްކުރުމާއިބެހޭ ޤަވާއިދުގައި ކަނޑައެޅިފައިވާ ގޮތުން ޕާކް ކުރުމުގެ ޤަވާއިދާ ޚިލާފުވާ ފުރަތަމަ ފަހަރު -/250ރ އަދި ދެވަނަ ފަހަރު -/500، އަދި ދެފަހަރަށްވުރެ އިތުރުވާ ކޮންމެ ފަހަރަކު -/750ރ އިން ޖުރިމަނާ ކުރެވޭނެއެވެ.ފުލުހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ޓްރެފިކާއި ގުޅުންހުރި ހަ ސަތޭކަ ފަންސާހަށް ވުރެ ގިނަ މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވެއެވެ.