އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ޚާއްސަކޮށްގެން މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީން ބާއްވާ ބިލްޑެކްސް އެގްޒިބިޝަން މިއަހަރުގެ އޮގަސްޓުމަހު ބޭއްވުމަށް ނިންމައިފިއެވެ.
މަސީން ބުނީ މިފަހަރުގެ ބިލްޑެކްސް އެގްޒިބިޝަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އޮގަސްޓްމަހުގެ 22 ހުން 24 ވަނަ ދުވަހުގެ ނިޔަލަށްކަމަށެވެ.
ފާއިތުވި އަހަރުތަކުގެ ތެރޭގައި ބިލްޑް އެންޑް ހޯމް އެކްސްޕޯގެ ނަމުގައި މަސީން ކުރިއަށްގެންދިޔަ މި އެކްސްޕޯގެ ނަން ބިލްޑެކްސް އެކްސްޕޯގެ ނަމަށް ބަދަލުކޮށްފައިވާއިރު އަންނަ އޮގަސްޓު މަހުގެ ތެރޭގައި އެކްސްޕޯ ބޭއްވުމަށްޓަކައި އެޖަމިއްޔާއިން މިހާރުދަނީ ތައްޔާރުވަމުންނެވެ.
މި އެކްސްޕޯއަކީ އިމާރާތް ކުރުމަށް ބޭނުންވާ ސަމާނާނުތަކާއި ޚިދުމަތްތައް އެއް ތަނަކުންފެންނާނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި މަސީއިން ބާއްވާ އެގްޒިބިޝަނެކެވެ.
މި އަހަރުގެ ބިލްޑެކްސް އެގްޒިބިޝަނުގައި ޢިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކާއި ކޮންސްޓްރަކްޝަން ކޮންސަލްޓެންސީ ދޭ ފަރާތްތަކާއި ގޭތެރެ ޒީނަތްތެރިކުރުމުގެ ސާމާނު ވިއްކާ ފަރާތްތަކާއި އެނޫންވެސް އެފަދަ ޚިދުމަތްދޭ ކުންފުނިތަކަށް ބައިވެރިވެވޭނެކަމަށް މަސީން ބުނެއެވެ.
މިއީ ކޮންސްޓްރަކްޝަން ސިނާޢަތަށް ޙާއްސަ ކޮށްގެން މަސީން އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ އިވެންޓެކެވެ. ނަމަވެސް މިއަހަރުގެ އެގްޒިބިޝަން މި ބާއްވަނީ އެއް އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހުގައެވެ.