ޚަބަރު

ކަރަންޓު ކަނޑައިގެން ދިޔައީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން - ސްޓެލްކޯ


މާލޭގެ ބައެއް ސަރަޙައްދުތަކުން މިއަދު ހެނދުނު ކަރަންޓު ކަނޑައިގެން ދިޔައީ އިންޖީނުތަކަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.

މާލޭގެ ބައެއް ސަރަޙައްދުތަކުން މިއަދު ހެނދުނު 7:30ހާއިރު ވަނީ ކަރަންޓު ކަނޑައިގެން ގޮސްފައެވެ. ނަމަވެސް މާގިނައިރުތަކެއް ނުވެ މައްސަލަ ޙައްލުކޮށް ސްޓެލްކޯއިން ވަނީ ކަރަންޓު ކަނޑައިގެންދިޔަ ހުރިހާ ސަރަޙައްދުތަކަށްވެސް ކަރަންޓު އަލުން ދީފައެވެ.

ދާދިފަހުންވެސް މާލޭގެ އެކި ހިސާބުތަކުން ކަރަންޓު ދޭތެރެއަކުން ކަނޑައިގެން ދާތީ ސްޓެލްކޯއިން ވިދާޅުވީ ހޫނުގަދަވުމުން ދޭތެރެ ދޭތެރެ އިން މާލެއިން ކަރަންޓް ކަނޑާލަން ޖެހެނީ ކަރަންޓު ލޯޑު ބޮޑުވުމުން ކަމަށެވެ. އެހެންކަމުން ގިނައިން ކަރަންޓް ބޭނުންކުރާ އެއްޗެހި މަދުން ބޭނުންކުރަން ސްޓެލްކޯ އިން އިލްތިމާސް ކުރައްވައެވެ.