ސިޔާސީ

ޕީއެންސީ ކޮންގްރެސް ޖަލްސާއަކަށް ރައީސް ޔާމީން ވަޑައެއްނުގެންނެވި


ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިސްވެ ހުންނަވައިގެން އުފެއްދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކޮންގްރެސް ޖަލްސާގައި ބައިވެރިވެވަޑައެއް ނުގެންނެވިއެވެ.

ދެ ދުވަހުގެ މުއްދަތަކަށް ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލުގައި ކުރިއަށްދިޔަ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ކުރިން އޮތީ ބައިވެރިވެވަޑައިގަންނަވާ ގޮތަށެވެ. އަދި ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށްބުނެ ވަނީ ސޯޝަލް މީޑިއާގައިވެސް ބައެއް ފަރާތްތަކުން ވަނީ މިޖަލްސާ އިޝްތިހާރު ކޮށްފައެވެ.

ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތު ހުށަހަޅައި ދެއްވި ޕީއެންސީގެ ނާއިބު ރައީސް އަދި ރައީސް ޔާމީންގެ ޕާޓީ ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ހުސައިން ޝަރީފް ވިދާޅުވީ މިހާރު އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ދައުވާއާ ގުޅިގެން ކޯޓުގައި ހިނގަމުންދާ ޝަރީއަތާ ގުޅިގެން މިރޭގެ ޖަލްސާގައި ބައިވެރިވުމަކީ އެންމެ ރަގަނޅު ގޮތް ކަމަށް ނުފެންނާތީ ރައީސް ޔާމީން މިރޭގެ ޖަލްސާއަށް ވަޑައިނުގަންނަވާނެ ކަމަށެވެ.

"ރައީސް ޔާމީން ބޭނުންފުޅުވޭ[ކޮންގްރެސް ނިންމުމުގެ ޖަލްސާގައި ބައިވެރިވަޑައިގަންނަވަން]، ނަމަވެސް މިރޭގެ ބައްދަލުވުމުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަތުމަކީ، އެއީ އެހާ ރަނގަޅު ކަމެއް ކަމަށް އަޅުގަނޑުމެންނަށްވެސް ނުފެންނާތީ މިރޭ މިތަނުން ތިބޭފުޅުންނާ ބައްދަލު ނުކުރައްވާނެ،" ރަސްމިއްޔާތަށް ވަޑައިގެން ތިއްބެވި ރައީސް ޔާމީނަށް ތާއީދު ކުރައްވާ ފަރާތްތަކާ މުހާތަބު ކުރައްވާ މުންދު ވިދާޅުވިއެވެ.

މިރޭގެ ޖަލްސާއަށް ރައީސް ޔާމީން ހާޒިރުނުވި ކަމުގައިވިއަސް އެމަނިކުފާނު ވަނީ ޕީއެންސީގެ އާ ލީޑަރޝިޕާއި މިއަދު ބައްދަލުކުރައްވާފައެވެ.