ދުނިޔެ

އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކުރި ޤަރާރު ހޫޘީން ކުށްވެރިކޮށްފި


ޔަމަންގެ ދާޚިލީ ހަނގުރާމައިގެ އެއްފަރާތް ކަމަށްވާ ހޫޘީ ހަނގުރާމަވެރިންނަށް ހަތިޔާރު ފޯރުކޮށްދިނުން މަނާކުރާ ގަރާރެއް އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކުރުމުން ހޫޘީ ޖަމާއަތުން އެކަން ކުށްވެރިކޮށްފިއެވެ.ހޫޘީ ޖަމާއަތުގެ ލީޑަރު އަބްދުލްމަލިކް އަލް ޙޫޘީ ސޮއިކުރައްވައި ނެރެފައިވާ ބަޔާނެއްގައި އެޖަމާއަތަށް ތާއީދުކުރާ ފަރާތްތަކަށް ގޮވާލާފައިވަނީ މިކަމާދެކޮޅަށް ވަރުގަދަ އިޙްތިޖާޖެއް ކުރުމަށް އަންނަ ބުރާސްފަތި ދުވަހު މަގުތަކަށް ނުކުތުމަށެވެ. އަދި މިގަރާރަކީ ޔަމަންގެ ދާޚިލީ ހަނގުރާމައިގެ އެއްފަރާތް ކަމަށްވާ މިހާރުގެ ރައީސް އަބްދު ރައްބު މަންސޫރު ހާދީގެ ކޮޅަށް ޖެހިފައިވާ ގަރާރެއް ކަމަށްވެސް ހޫޘީ ލީޑަރުންވަނީ ސިފަކުރައްވާފައެވެ.ގަލްފުގެ އަރަބި ގައުމުތައް ގުޅިގެން އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި މިގަރާރު ފާސްކުރުމަށް  ރަޝިޔާއިން ވޯޓު ދީފައިނުވިނަމަވެސް މިގަރާރާ ދެކޮޅަށް ރަޝިޔާ ވީޓޯގެ ބޭނުން ކޮށްފައެއް ނުވެއެވެ.މިގަރާރު ގޮވާލަނީ ހޫޘީ ހަނގުރާމަވެރިންނާއި ޔަމަންގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިޙް އަށް ތާއީދުކުރާ ހަނގުރާމަވެރިންނަށް ހަތިޔާރު ފޯރުކޮށްދިނުން މަނާކުރުމަށެވެ.