ޓުއަރިޒަމް

ކޮންޑެނާސްޓް "ހޮޓް ލިސްޓް"ގައި ރާއްޖޭގެ 3 ރިސޯޓެއް


ފަތުރުވެރިކަމުގެ މާކެޓަށް އަލަށް ނެރޭ ރިސޯޓުތަކުގެ ތެރެއިން ކޮންޑެނާސްޓް ޓްރެވެލަރ އިން ހޮވާ އެންމެ ރަނގަޅު ހޮޓާތަކުގެ ތެރޭގައި، ރާއްޖޭގެ 3 ރިސޯޓެއް ހިމެނިއްޖެއެވެ.

ފަތުރުވެރިކަމާ ގުޅޭ ޚަބަރުތައް ގެނެސްދޭ އެމެރިކާގެ ކޮންޑެނާސްޓް ޓްރެވެލަރ މަޖައްލާއިން ހޮވާ، "ހޮޓް ލިސްޓް"ގައި މިއަހަރު ހިމެނިފައިވަނީ ލަކްސް ނޯތު މާލެ އެޓޯލް އާއި ކުޑަދޫ މޯލްޑިވްސް ޕްރައިވެޓް އައިލެންޑް ރިސޯޓްގެ އިތުރުން ޖޯއާލި މޯލްޑިވްސް ރިސޯޓެވެ.

ކޮންޑެނާސްޓް ހޮޓްލިސްޓުގައި ހިމެނޭ ލަކްސް ނޯތު މާލެ އެޓޯލް ރިސޯޓަކީ މިއަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ހުޅުވި ރިސޯޓެކެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަތީ ފަންތީގެ ޓުއަރިސްޓް ހޮޓަލާއި ރިސޯޓް ހިންގަމުންދާ، ލަކްސް ހޮޓެލް އެންޑް ރިސޯޓްސްއިން ރާއްޖޭގައި ތަރައްޤީކުރި ދެވަނަ ރިސޯޓެވެ. މި ރިސޯޓްގައި 2 ބުރިއަށް ހަދާފައިވާ ޖުމްލަ 67 ވިލާ ހުންނައިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ކެއުންތަކާއި ބުއިންތައް ލިބޭ 7 ރެސްޓޯރަންޓެއް މިރިސޯޓުގައި ހުރެއެވެ. އަދި ފަތުރުވެރިންނަށް މުނިފޫހިފިލުވުމަށް ތަފާތު ހަރަކާތްތައްވެސް މިރިސޯޓުގައި ވަނީ އިންތިޒާމްކޮށްފައެވެ.

ކޮންޑެނާސްޓް ހޮޓްލިސްޓުގައި ހިމެނޭ ކްރައުން އެންޑް ޗަންޕާ ރިސޯޓުން ޅ. އަތޮޅުގައި ތަރައްޤީކޮށްފައިވާ ކުޑަދޫ މޯލްޑިވްސް ޕްރައިވެޓް އައިލެންޑް ރިސޯޓް ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ 1 ވަނަ ދުވަހުއެވެ. 15 ވޯޓަރ ވިލާ ހިމެނޭ މިރިސޯޓުގެ ވިލާތަކަކީ ޖާގައިގެ ގޮތުން ތަނަވަސް، އަދި އިތުރު ބައެއްގެ އުނދަގޫ ނުފޯރާގޮތަށް އަރާމު މާހައުލެއްގައި ތަރައްޤީކޮށްފައިވާ ވިލާތަކެކެވެ. ކޮންމެ ވިލާއެއްގައި 3000 އަކަ ފޫޓު ހުންނައިރު، ކޮންމެ ވިލާއެއްގައި ޕްރައިވެޓް ޕޫލެއް ހަދާފައިވެއެވެ. ރިސޯޓުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންނަށް ރިސޯޓުގައި ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދެއެވެ. ރެސްޓޯރަންޓާއި އިންފިނިޓީ ފޫލާއި، ޖިމްއާއި ސްޕާގެ ޚިދުމަތުގެ އިތުރުން މޫދު ކުޅިވަރުތައް ކުޅުމުގެ އިންތިޒާމްވެސް މިރިސޯޓުގައި ވަނީ ހަމަޖައްސާފައެވެ.

ކޮންޑެނާސްޓް ހޮޓްލިސްޓުގައި ހިމެނޭ ޖޯއާލި މޯލްޑިވްސް ރިސޯޓު ހުޅުވާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައެވެ. މި ރިސޯޓުގައި ބީޗް ވިލާ އަދި ވޯޓާ ވިލާ ހިމެނޭގޮތަށް 73 ވިލާ ހުރެއެވެ. އޭގެތެރޭގައި 1 ކޮޓަރިން ފެށިގެން 4 ކޮޓަރީގެ ވިލާތައް ހިމެނެއެވެ. އަދި ކޮންމެ ވިލާއެއްގައި ޕްރައިވެޓް ޕޫލަކާއި ބަޓްލަރއެއްގެ ޙިދުމަތާއި ލައިބްރަރީއެއް ހުންނައިރު ފަތުރުވެރިންނަށް ޚިދުމަތްދިނުމަށް 4 ރެސްޓޯރަންޓް މި ރިސޯޓްގައި ހުރެއެވެ.

ކޮންޑެނާސްޓްގެ ޓްރެވެލަރއިން ނެރޭ ހޮޓް ލިސްޓަކީ ކޮންމެ އަހަރަކުވެސް އަލަށް ހުޅުވާ ރިސޯޓްތަކާއި ހޮޓާތަކުން ދޭ ޚިދުމަތްތައް އަޅާ ކިޔުމަށްފަހު ނެރޭ ލިސްޓެކެވެ. މިއަހަރުގެ ލިސްޓުގައި 75 ރިސޯޓް ހޮޓާ ހިމެނޭއިރު، މިއީ 500 އަށްވުރެ ގިނަ ތަންތަން ބެލުމަށްފަހު އެކުލަވާލި ލިސްޓެކެވެ.