ވިޔަފާރި

ޓީޓީއެމް ފެއަރގައި ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ %90 ފަރާތުން ބައިވެރިވާނެ

މިއަހަރުގެ ޓްރެވެލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ފެއަރގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 90 އިންސައްތައަށްވުރެ ގިނަ ވިޔަފާރިތަކުން ބައިވެރިވާނޭކަމަށް ގެޓަވޭސްއިން ބުނެފިއެވެ.

ޓީޓީއެމް ފެއާ އިންތިޒާމްކުރާ މޯލްޑިވްސް ގެޓަވޭސްއިން ބުނީ، ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ބައިނަލްއަގުވާމީ ޓްރެވަލް ޓްރޭޑް ޝޯ، ޓީޓީއެމް ފެއަރގައި މިއަހަރު 200 އަށްވުރެ ގިނަ ފަރާތުން ބައިވެރިވާނެކަމަށެވެ. މީގެތެރޭގައި ޓްރެވެލް އެޖެންޓުންނާއި، ޓުއަރ އޮޕަރޭޓަރުންނާއި ބައިނަލްއަޤްވާމީ މީޑިއާ ހިމެނެއެވެ. މި ފެއަރގައި ރާއްޖެއިން އެކަނިވެސް މިހާތަނަށް 100 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

މިއަހަރުގެ ޓީޓީއެމް ފެއަރ ބޭއްވުމަށް ހަމަޖެހިފައިވަނީ، އަންނަ ޖޫން މަހުގެ 11 އިން 13 އަށެވެ. މިއަހަރުގެ ފެއަރ ބޭއްވުމަށް ޓޫރިޒަމް މިނިސްޓްރީ އަދި އެމްއެމްޕީއާރުސީގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުން އަންނަކަމަށް މޯލްޑިވްސް ގެޓަވޭޒްއިން ބުނެއެވެ.

ޓީޓީއެމް ފެއަރ ސަމިޓް ޚާއްސަ ކުރުމަށް ނިންމާފައިވަނީ، ދަތުރުފަތުރާއި ގުޅޭ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ފަތުރުވެރިކަމުގެ ޞިނާޢަތް ކުރިއެރުވުމުގެ މައްޗަށެވެ. މި އަހަރުގެ ފެއަރގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ މައުޟޫތަކުގެ ތެރޭގައި މާރކެޓިންގ އެނެލެޓިކްސް،ޓްރެވަލް ޓެކްނޮލޮޖީގެ އިތުރުން ރެވެނިއު މެނޭޖްމަންޓާއި ޕޭމަންޓް ޓްރާންސެކްޝަން ހިމެނެއެވެ.

މިދިޔަ އަހަރުގެ ޓީޓީއެމް ފެއަރގައި ދުނިޔޭގެ އެކި ޤައުމުތަކުން 200 ފަރާތަކުން ވަނީ ބައިވެރިވެފައިވެއެވެ. މިއީ ޓީޓީއެމް ފެއަރ ބާއްވާ 3 ވަނަ އަހަރެވެ