ޚަބަރު

ފިކުރީ ހައްދު ފަހަނައެޅުމާއި ޓެރަރިޒަމްގެ ނުރައްކަލަށް ހދ. އަތޮޅުގެ ތައުލީމީ ދާއިރާގެ އިސްވެރިން ހޭލުންތެރިކޮށްފި


ދިވެހިރާއްޖެއަށް އޮތް ފިކުރީ ހައްދު ފަހަނައެޅުމާއި ޓެރަރިޒަމްގެ ނުރައްކަލަށް ތަޢުލީމީ ދާއިރާ އަހުލުވެރިކުރުމުގެ ގޮތުން ހދ. އަތޮޅުގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި އިސްވެރިންނަށް އަމާޒުކޮށް،ގެން މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.

މި މަސައްކަތު ބައްދަލުވުން އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން އަޙްމަދު ރިޔާޟްއެވެ.

މި މަސައްކަތު ބައްދަލުވުމަކީ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި އެމް.އެން.ޑީ.އެފް ނޮދަން އޭރިއާއާއި ޔު.އެން.ޑީ.ޕީ ގުޅިގެން، ތަޢުލީމީ ދާއިރާއަށް އަމާޒުކޮށް، ސްކޫލްތަކުގެ އިސްބޭފުޅުންނަށް ހިންގާ ޕްރޮގްރާމެކެވެ. އެއްދުވަހުގެ މުއްދަތަށް ހިންގުނު މި މަސައްކަތު ބައްދަލުވުމުގައި ތިލަދުންމަތީ ދެކުނުބުރީގެ 15 ސްކޫލަކުން 34 ބޭފުޅުން ބައިވެރިވެފައިވެއެވެ.

ތަޢުލީމީ ދައިރާގައި މަސައްކަތް ކުރާ އިސް ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ މި ސިލްސިލާ މަސައްކަތު ބައްދަލުވުން، ދެފަހަރެއްގެ މަތިން "ގްރޭޓަރ މާލެ" ސަރަހައްދުގެ ސްކޫލްތަކާއި އައްޑޫ ސިޓީގެ ސްކޫލްތަކުގައި މަސައްކަތްކުރާ އިސްބޭފުޅުންނަށްވެސް ހިންގާފައިވާކަމަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން މަޢުލޫމާތުދެއްވައެވެ.