ޚަބަރު

ކުރީގެ އުއްތަމަފަނޑިޔާރަށް ޚާއްޞަ ޢިނާޔަތްތަކާއި އިމްތިޔާޒުތައް ލިބިދޭގޮތަށް ހުށައެޅި ބިލް، ކޮމެޓީން ފާސްކޮށްފި


އައު ޤާނޫނު އަސާސީއާއެކު މަޤާމު ނިމުމަކަށް ގެނެވުނު އުއްތަމަފަނޑިޔާރަށް ޚާއްޞަ ޢިނާޔަތްތަކާއި އިމްތިޔާޒުތައް ލިބިދޭގޮތަށް ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް އިސްލާޙްގެނައުމުގެ ބިލް، ކޮމެޓީން ފާސްކޮށްފިއެވެ.

2008 ވަނަ އަހަރު ތަސްދީޤްކުރި ޤާނޫނު އަސާސީއާއެކު މަޤާމު ނިމުމަކަށް ގެނެވުނު އުއްތަމަފަނޑިޔާރަކީ، ދިގު މުއްދަތެއްވަންގެން ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމްގެ ވެރިކަމުގައި އުއްތަމަ ފަނޑިޔާރުގެ ގޮތުގައި ހުނެވި، ކުރީގެ އުއްތަމަ ފަނޑިޔާރު އައްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމްއެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށައަޅުއްވާފައިވާ މި ބިލް ދިރާސާކުރުމަށް އެކުލަވާލި ފަސް މެންބަރުންގެ ވަގުތީ ކޮމެޓީގެ އިއްތިފާޤުން ފާސްކޮސްފައިވަނީ އެ ބިލާމެދު މަޖިލީހުގެ ތަޅުމުގައި މެންބަރުން ފާޅުކުރައްވާފައިވާ ޚިޔާލުފުޅުތަކާއި ބިލު މަޖިލީހަށް ހުށަހެޅުއްވިއިރު ފާހަގަކުރައްވާފައިވާ ސަބަބުތަކުގެ މައްޗަށް ރިޢާޔަތްކޮށް، ބިލު ހުށަހެޅުއްވާފައިވާ ގޮތަށް އެއްވެސް އިޞްލާޙަކާ ނުލައި އޮތްގޮތަށް މަޖިލީހުން ފާސްކުރުމަށެވެ.

ފަނޑިޔާރުންގެ ޤާނުނާށް ގެންނަން ހުށައަޅާފައިވާ މި އިސްލާޙުގައި، ވަނީ "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 285 ވަނަ މާއްދާގެ (ހ) ގެ ދަށުން ފަނޑިޔާރުކަމުގެ މަޤާމު ނިމުމަކަށް ގެނެވުނު އުއްތަމަ ފަނޑިޔާރު" ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަޤާމުން ވަކިވާ މީހުންގެ ގޮތުގައި އިތުރުކޮށްފައިވެއެވެ. މިމާއްދާގެ (ހ) ގައި ބުނެފައިވަނީ، އައު ޤާނޫނުއަސާސީއަށް ޢަމަލުކުރާން ފަށާއިރު ތިބި ފަނޑިޔާރުންގެ ތެރެއިން އުއްތަމަފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރުން މި މާއްދާގެ ދަށުން ގޮތެއް ކަނޑައަޅަންދެން ފަނޑިޔާރުކަމުގެ މަޤާމުގައި ދެމިތިބޭނެއެވެ.

އަދި ފަނޑިޔާރުކަމުގެ މަޤާމުން ވަކިވާ ކޮންމެ މީހަކަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 285 ވަނަ މާއްދާގެ (ހ) ގެ ދަށުން ފަނޑިޔާރުކަމުގެ މަޤާމު ނިމުމަކަށް ގެނެވުނު އުއްތަމަފަނޑިޔާރަށް ޚާއްޞަ ޢިނާޔަތްތަކާއި އިމްތިޔާޒުތައް ދައުލަތުގެ ފަރާތުން ލިބިދޭންވާނެކަމަށް ރިޔާޒް ރަޝީދު ހުށައެޅުއްވި އިސްލާޙުގައި ވަނީ ބުނެފައެވެ.

މި ބިލް ދިރާސާކުރުމަށް އެކުލަވާލި ފަސް މެންބަރުންގެ ކޮމެޓީގައި ތިއްބެވީ ޖުމްހޫރީ ޕާޓީ އާއި އިދިކޮޅު ޕީޕީއެމަށް ނިސްބަތްވާ މެންބަރުންނެވެ.

މިހާރު ހިނގަމުން މިދާ 18 ވަނަ މަޖިލީހުގެ ފަހު ޖަލްސާ އަންނަ ހޯމަ ދުވަހު ބާއްވާއިރު، އެޖަލްސާގައި ފަނޑިޔާރުންގެ ޤާނުނަށް އިސްލާޙްގެންނަން ރިޔާޒް ރަޝީދު ހުށައެޅި ބިލް ފާސްކުރުމަށް ވޯޓަށް އަހާނެކަމަށްބެލެވެއެވެ.