ޚަބަރު

1000 މީހުން ތަމްރީންކުރުމަށް ޤައުމީ ޕްރޮގްރާމެއް


އެކި ދާއިރާތަކުން ޖުމްލަ 1000 މީހުން ތަމްރީންކުރުމުގެ ޤައުމީ ޕްރޮގްރާމެއް އަންނަ ޖުލައި މަހު ފެށުމަށް ޓިވެޓް އޮތޯރިޓީން ނިންމައިފިއެވެ.

ޓިވެޓުން ބުނެފައިވަނީ މީހުން ބިނާކުރުމުގެ ޕްރޮގްރާމް ކުރިއަށްގެންދާނީ އެކި އޮފީސްތަކާއި އިދާރާތަކާ ގުޅިގެން، ރާއްޖެއަށް މީހުން އެންމެ ބޭނުން ދާއިރާތައް ބަލައިގެން ކަމަށެވެ.

އެގޮތުން ފަތުރުވެރިކަމާއި ދަތުރުފަތުރާއި ކޮންސްޓްރަކްޝަން ދާއިރާއާއި މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން އިޖްތިމާއީ ދާއިރާ ހިމެނޭހެން މައިގަނޑު ފަސް ދާއިރާއެއްގެ ކޯސްތައް ހިންގުމަށް ނިންމާފައިވާކަމަށް ޓިވެޓުން ބުނެއެވެ.

މި ޤައުމީ ޕްރޮގްރާމް އަންނަ ޖުލައި މަހު ފެށުމަށް ހަމަޖެހިފައިވާއިރު، ބައެއް ކުންފުނިތައް މެދުވެރިކޮށް މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރުވެސްވަނީ ހުޅުވާލާފައެވެ. އެގޮތުން ސްޓެލްކޯއާއި އެމްޕީއެލްއިން ވަނީ އެ ދެ ކުންފުނީގެ މުވައްޒަފުންގެ ތެރެއިން 100 މީހުންނަށް މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައެވެ. މީގެތެރޭގައި ކަރަންޓުގެ މަސައްކަތްތަކާއި، ދަތުރުފަތުރާއި ގުޅޭ ކޯސްތައް ހިމެނެއެވެ.

މި ޕްރޮގްރާމްގައި މި ކުންފުނިތަކުގެ މުއައްޒަފުންގެ އިތުރުން، މި ދާއިރާތަކުން ތަމްރީން ވުމަށް ޝައުގުވެރިވާ މީހުންނަށްވެސް ބައިވެރިވެވޭނެއެވެ. މި ޕްރޮގްރާމްތައް ހިންގަނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ މިންގަނޑުތަކަށް ފެތޭހެން ލެވެލް 3ގެ ކޯސްތަކެއްގެ ގޮތުގައެވެ.

ޓިވެޓުން ބުނެފައިވަނީ ކުންފުންޏަކުން ތަމްރީން ޕްރޮގްރާމެއް ހިންގަން ބޭނުންވާނަމަ، އެމްކިއުއޭ މިންގަނޑުތަކަށް ބަލައިންގެ ޓިވެޓް އޮތޯރިޓީން ކޯސް ފަރުމާކޮށްދޭނެކަމަށެވެ. އަދި ކުންފުނިތަކުގެ ފަންނީ މީހުން ބޭނުންކޮގެން ކޯސްތަކުގައި ކިޔަވައިދިން ނަމަވެސް، ޓިވެޓުން މޮނިޓަރ ކުރަމުންދާނެކަމަށް އެ އޮތޯރިޓީން ބުނެއެވެ.

ޓިވެޓުން އިސްކަންދެނީ ޢަމަލީ ދާއިރާގެ ތަޖްރިބާ ދީގެން މީހުން ބިނާކުރުމަށެވެ. އެގޮތުން 2014ވަނަ އަހަރުން ފެށިގެން މިހާތަނަށް އަށް ހާހަށްވުރެ ގިނަ މީހުން ޓިވެޓުންވަނީ ތަމްރީންކޮށްފައެވެ. ޓިވެޓުން ގެންދަނީ ސްކޫލުތަކުގައި ކިޔެވަމަށް ދަތިވާ ނުވަތަ ކިޔެވުމަށް ދަށް ކުދިންނަށް ޢަމާޒުކޮށްގެން ދަސްވާރުގެ ނަމުގައިވެސް ކޯސްތައް ކުރިއަށް ގެންދަމުންނެވެ.