ޚަބަރު

ފައިނަލް 2ވަނަ ޖާގަ ހުޅުދޫ ސްކޫލަށް


މަމެން އައްޑޫ އިންޓަރ ސްކޫލް މުބާރާތުގެ 12 އަހަރުން ދަށުގެ އުމުރުފުރާއިން ފައިނަލުގެ ފަހު ޖާގަ ޕެނަލްޓީ ޖަހައިގެން ހުޅުދޫ ސްކޫލް ހޯދައިފިއެވެ.
ފައިނަލުގެ ފަހު ޖާގަ ހުޅުދޫ ސްކޫލް ކާމިޔާބުކުރީ ޝަރަފުއްދީން ސްކޫލްއާއި ވާދަކޮށް ޕެނަލްޓީގައި 4 ލަނޑު 1 ލަނޑު ކުރި ހޯދައިގެންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޝަރަފުއްދީން ޓީމް ވަނީ މޮޅު ކުޅުމެއްދައްކާފައެވެ. މެޗް ފެށިގެން 3ވަނަ މިނެޓްގައި ޝަރަފުއްދީން ސްކޫލްއިން ލަނޑެއްޖެހާ ލީޑްނެގިއެވެ. މިލަނޑު އެޓީމްއަށް ކާމިޔާބުކޮށްދިނީ އިބްރާހިމް މީކާއިލް މުހައްމަދުއެވެ. މިލަނޑަށް ފަހު މެޗްގެ ފޯރި އިތުރަށް ގަދަވެގެންދިޔައެވެ.
މެޗުގެ 2ވަނަ ހާފުގައި ހުޅުދޫ ސްކޫލުން ނިކުތީ އާހިއްވަރަކާއި އެކު މެޗުން މޮޅުވުމަށެވެ. އެގޮތުން ޝަރަފުއްދީން ކޮޅަށް ހަމަލާތަށް އިތުރު ކުރިއެވެ. އަދި ހުޅުދޫ ސްކޫލުން ނަތީޖާ ހަމަހަމަ ކުރި ލަނޑު މެޗުގެ 37 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މުހައްމަދު ޒާހިލް ސަމީއުއެވެ. މެޗު ނިމުނީ އެކެއް އެކަކުން ދެޓީމް އެއްވަރެއްގައި އޮވެގެންނެވެ.
އަދި ނަތީޖާ ނެރެން ޖެހި ޕެނަލްޓީގައި ހުޅުދޫ ސްކޫލުން ވަނީ އެޓީމްގެ 3 ޕެނަލްޓީވެސް ކާމިޔާބުކޮށްފައިއެވެ. ނަމަވެސް ޝަރަފުއްދީން ސްކޫލުގެ ދެ ޕެނަލްޓީ ހުޅުދޫ ސްކޫލުގެ ކީޕަރު މަތަ ކުރި އިރު އެކަތި ދިޔައީ ބޭރަށެވެ.
މެޗަށް ފަހު ޕީއެސްއެމް ސްޕޯޓްސް އާއި ވާހަކަ ދައްކަމުން އެޓީމުގެ ކޯޗު މުހައްމަދު ޝާހިދު ބުނީ، އެޓީމުގެ 11 ނަމްބަރުގެ ހިއްވަރުން ޓީމު މިއަދުގެ މެޗުން މޮޅުވީ ކަމަށެވެ. އަދި ތަށި ނެގުމަށް އަމާޒު ހިފާފައިވާ ކަމަށް އޭނާ ފާހަގަ ކުރިއެވެ.
ޝަރަފުއްދީން ސްކޫލް ކޯޗު ހަސަން ރަޝީދު ބުނީ ޓީމު ބަލިވެގެން ދިއުމަކީ ކުދިންނަށް ލިބިގެން ދިޔަ އިބުރަތެއް ކަމަށެވެ. މީގެ އިތުރުން ޓީމު ރަނގަޅު ކަމަށާއި، ޓީމުން މަދީ ހަމަ އިންޑިވިޖުއަލް ޕާފޯމެންސް ދައްކާ ފަދަ ކުޅުންތެރިއެއް ކަމަށެވެ.

މިމެޗުގެ ނަތިޖާއި އެކު 12 އަހަރުން ދަށުގެ އުމުރުފުރާގައި ފައިނަލުގައި ވާދަ ކުރާ ދެޓީމު ވަނީ ކަށަވަރުވެފައިއެވެ. މާދަމާ ކުޅުމަށް ހަމަޖެހިފައިވާ ފައިނަލުގައި ހުޅުދޫ ސްކޫލް ނިކުންނާނީ ހިތަދޫ ސްކޫލާއި ދެކޮޅަށެވެ.