ވިޔަފާރި

ޕެރިހަށް ދިއުމުގެ ފުރުޞަތު ލިބޭ ކޭމްޕެއިނެއް އުރީދޫއިން ފަށައިފި


މަޝްހޫރު ފުޓް ބޯޅަ ޓީމް ޕެރިސް ސެއިންޓް ޖަރމައިން އަށް މެސެޖެއް ފޮނުވައިގެން ޕެރިސް އަށް ދިޔުމުގެ ފުރުޞަތު ލިބޭ ކެމެޕޭނެއް އުރީދޫއިން ފަށައިފިއެވެ. މި ކެމްޕޭނާއި ގުޅޭގޮތުން މަޢުލޫމާތުދިނުމަށްޓަކައި އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި އުރީދޫގެ ސީނިއަރ ސްޕެޝަލިސްޓް ޕަބްލިކް ރިލޭޝަންސް މަރިޔަމް އަހުމަދް ދީދީ ވިދާޅުވީ 'ފޭންސް ޑޫ ވޮންޑާސް" ގެ ނަމުގައި ފަށާފައިވާ މި ބައިނަލްއަޤްވާމީ ކެމްޕެއިން އުރީދޫއިން ހިދުމަތް ދެމުން އަންނަ 17 ޤައުމްގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ. 

މެސެޖްތައް ފޮނުވާ ފަރާތްތަކުގެ ތެރެއިން އުރީދޫން ހިދުމަތްދޭ ކޮންމެ ޤައުމަކުން އެކަކަށް ޕެރިސްއަށް ގޮސް ޕެރިސް ސެއިންޓް ޖަމައިންގެ މެޗެއް ބަލާލައި އެޓީމުގެ ޓްރޭނިންގ ސެޝަނަށް ދިޔުމަށް ފުރުޞަތު ލިބިގެންދާނެ ކަމަށް މަރިޔަމް ވިދާޅުވިއެވެ.

މަރިޔަމް ވިދާޅުވީ މެސެޖްތައް ފޮނުވުމަށް އެ ކެމްޕޭނަށް ހާއްސަކޮށްފައިވާ މައިކްރޯސައިޓް ކަމަށްވާ ފޭންސް ޑޫ ވޮންޑަރސް ޑޮޓް ކޮމް (www.fansdowonders.com) އަށް ޒިޔާރަތްކޮށްގެން ނުވަތަ ޓްވިޓަރގައި ފޭންސް ޑޫ ވޮންޑަރސް ހޭޝްޓެގް (fansdowonders#) ބޭނުންކޮށްގެން ސީދާ އެކުޅުންތެރިންނަށް މެސެޖް ކުރެވޭނެ ކަމަށެވެ. އެންމެ މަޤްބޫލް މެސެޖްތައް އެ ޓީމްގެ ޕާކް ޑެސް ޕްރިންސަސް ސްޓޭޑިއަމްގެ ބޯޑުތަކުން ގިނަ މެޗުތަކެއްގެ ތެރޭގައި ފެނިގެން ދާނެ ކަމަށްވެސް މަރިޔަމް ވިދާޅުވިއެވެ. އުރީދޫއިން ޕެރިސް ސެއިންޓް ޖާމައިންއާއި އެކު ޕާޓްނަރޝިޕް ފެށީ ދެހާސްތޭރަވަނަ އަހަރުއެވެ.