ޚަބަރު

ދިވެހި ބަހުން މުޢާމަލާތް ނުކުރާ މުވައްސަސާތަކާއިމެދު ފިޔަވަޅު އަޅަނީ


ސަރުކާރުގެ މުވައްސަސާތަކުގައި ލިޔުމުން ކުރެވޭ މުޢާމަލާތްތަކަކީ ސާފު ދިވެހި ބަހުން ކުރެވޭ މުޢާމަލާތްތަކަށް ވާންޖެހޭކަމަށާއި އެގޮތަށް ޢަމަލު ނުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ނިންމާފައިވާކަމަށް ދިވެހިބަހުގެ އެކަޑަމީން ހާމަކޮށްފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ޢަލީ ވިދާޅުވީ މުވައްސަސާތަކުން ކުރާ މުޢާމަލާތްތަކުގައި ޢަމަލުކުރަމުންދާ ގޮތް ބަލަމުންދާކަމަށާއި ދިވެހި ބަހުން މުޢާމަލާތް ކުރުމުގައި އިހުމާލުވަމުންދާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ތައްޔާރުވަމުން ދާކަމަށެވެ. އަޝްރަފް ވިދާޅުވީ މިހާރުވެސް ބައެއް ފަރާތްތަކަށް އިންޒާރު ދީފައިވާކަމަށެވެ. އެހެންނަމަވެސް މިހާތަނަށްވެސް ފިޔަވަޅު އެޅުން ލަސްކުރައްވާފައިވަނީ ބަހަށް އަހަންމިއްޔަތުކަން ދީގެން މުވައްސަސާތަކުން އެކަން އިސްލާޙުކުރުމަށް ފުރުސަތުދިނުމުގެ ގޮތުންކަމަށް އަޝްރަފް ވިދާޅުވިއެވެ.

ދިވެހި ބަހުގެ އެކަޑަމީގެ ރައީސް ވިދާޅުވީ ބަހަށް ބަޔަކު އިސްކަން ދޭންޖެހެނީ އަދަބު ދީގެންކަމަށް ޤަބޫލުނުކުރައްވާކަމަށާއި އެހެންނަމަވެސް ޤާނޫނު އަސާސީގައި ބަޔާންވެގެންވާ ޙާލަތްތަކުގައި އަދަބު ދީގެންވެސް ބަހަށް ޚިދުމަތްކުރަން އެކަޑަމީ ތައްޔާރަށް އޮތްކަމަށެވެ.

ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުން ދިވެހިރާއްޖޭގެ ރަސްމީ ބަހަކީ ދިވެހި ބަހެވެ. އަދި ސަރުކާރުގެ ހުރިހާ މުވައްސަސާއެއްގައި ކުރެވޭ މުޢާމަލާތްތަކާއި ލިޔާ ރަސްމީ ލިޔުންތައް ހުންނަން ޖެހޭނީ ދިވެހި ބަހުންނެވެ. އަދި ދިވެހިބަހަށް ހީނަރުކަން އަންނަ ފަދަ ކަންކަން ނުކުރުމަށް ބާރުއަޅާއިރު އެފަދަ ކަންކަން ކުރާ ފަރަތްތަކާމެދު ފިޔަވަޅު އަޅަން ޤާނޫނު ލާޒިމުކުރެއެވެ. އެގޮތުން 500 ރުފިޔާއާއި 5000 ރުފިޔާއާ ދެމެދުގެ ޢަދަދުން ޖޫރިމަނާކުރަން ޤާނޫނުގައި ބުނެފައިވެއެވެ.