ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރު ވައްޓާލީ ސިފައިންގެ ތެރެއިން ރޭވި ބަޣާވާތަކުންކަމަށާ، އެކަން ރޭވީ އޭރު ބްރިގޭޑިއަރ ޖެނެރަލްގެ މަގާމުގައި ހުންނެވި އަޙްމަދު ޝިޔާމް ކަމަށް ނަޝީދުގެ ސަރުކާރު ނިމިގެންދިޔައިރު ހޯމްމިނިސްޓަރުގެ މަޤާމުގައި ހުންނެވި ޙަސަން އަފީފު ވިދާޅުވެއްޖެއެވެ.
އޭރުގެ ހޯމްމިނިސްޓަރ އަދި މިހާރު ވިލިފުށީ ދާއިރާގެ އިންތިޚާބީ މެންބަރު މިކަން ހާމަކުރެއްވީ ޕީ.އެސް.އެމް ނިއުސްއިން ގެނެސްދޭ އެކްސްކްލޫސިވް ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ނަޝީދުގެ ސަރުކާރުގައި އެޑްވައިޒަރ އޮން ޕޮލިޓިކަލް އެފެއާޒް ކަމުގެ މަގާމާއި، 11 ޑިސެންބަރު 2010 އިން ފެށިގެން 7 ފެބްރުއަރީ 2012 ނިޔަލަށް ހޯމް މިނިސްޓަރުގެ ގޮތުގައި ހުންނެވި ޙަސަން އަފީފު ވިދާޅުވީ، ފުލުހުންނަށް ސަރުކާރެއް ވައްޓާނުލެވޭނެކަމަށެވެ. އަދި ސަރުކާރު ދިފާއުކުރުމުގެ އެންމެ ބޮޑޮ މައްސޫލިއްޔަތު އަދާކުރަންޖެހޭ ބަޔަކީ ޤައުމީ ދިފާޢީ ބާރުކަމަށް އަފީފް ވިދާޅުވިއެވެ.
ނަޝީދުގެ ސަރުކާރު ވައްޓާލުމުގެ ކަންކަން ރޭވިގެންއައީ ސިފައިންގެ ތެރެއިންކަމަށް ޤަބޫލުކުރައްވާކަމަށް ވިދާޅުވަމުން ޙަސަން އަފީފު ވިދާޅުވީ، ނަޝީދުގެ ސަރުކާރު ވައްޓާލަން އުޅޭކަމުގެ ރިޕޯޓެއް އޭރު ހޯމްމިނިސްޓަރާ ހަމައަށް އައުމާ ގުޅިގެން އެކަމުގެ މަޝްވަރާ ރައީސް ނަޝީދާއެކު ކުރައްވައި، އެކަން ތަޙްޤީގުކުރައްވަން އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސްއަށް އެންގެވިކަމަށާ، އެހެންނަމަވެސް ސީދާ ސަރުކާރު ވައްޓާލަން އުޅޭކަމުގެ ވާހަކައަކީ އެއްވެސް ހަޤީގަތެއްނެތް ކަމެއްކަމަށް އޭރުކުރި ތަހުޤީގަށްފަހު ކޮމިޝަނަރ ވިދާޅުވެފައިވާކަމަށްވެސް އަފީފް ވިދާޅުވިއެވެ.
ސަރުކާރު ވައްޓާލަން ރޭވީ، ސިފައިންގެ ތެރެއިންކަމަށާއި، އެކަންރޭވީ، ބްރިގޭޑިއަރ ޖެނެރަލްގެ މަޤާމުން މޭޖަރ ޖެނެރަލްގެ ރޭންކަށް ޕްރޮމޯޓް ކުރައްވައި، ޗީފް އޮފް ޑިފެންސް ފޯސްކަމަށް ފަހުންއައި ސަރުކާރުން އައްޔަންކުރެއްވި އަޙްމަދު ޝިޔާމްކަން، ފެނިވަޑައިގެންނެވި މަންޒަރުތަކުން އެނގިވަޑައިގަންނަވާކަމަށް ޙަސަން އަފީފު ވިދާޅުވިއެވެ.
"އަޅުގަނޑު ދެކޭގޮތުގައި މިބަޣާވާތް ރޭވީ، ހަމަ ސިފައިންގެ ތެރެއިން. ބަޣާވާތް ރޭވި މިހާ އޭގެފަހުން އޭނަ ޗީފް އޮފް ޑިފެންސް ފޯސްއަކަށްވީ. އެއީ ބަޣާވާތް ރޭވި މީހަކީ، ޖެނަރަލް ޝިޔާމް އެއީ އަޅުގަނޑުވެސް އެރޭ އެތާހުރިން، އަޅުގަނޑަށް އެރޭ ފެނުނު މަންޒަރުން، އެހެން މިދަންނަވަނީ" އަފީފް ވިދާޅުވިއެވެ.
މިޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން އަފީފް ވިދާޅުވީ އެމްޑީޕީގެ ސަރުކާާރަށް އޭރު ކުރިމަތިވި އެންމެބޮޑު ދައްޗަކީ ޝަރުޢީ ނިޒާމުކަމަށެވެ. އެދާއިރާގެ ކަންކަން ރަނގަޅުވާން ޖެހޭކަމަށާ އޭރު ކޯޓުތަކުގެ ބައެއް ފަނޑިޔާރުން ތިއްބަވަނީ ސަރުކާރާއި އިދިކޮޅު ޚިޔާލެއްގައިކަމަށާ އެބޭފުޅުންދިޔައީ ސަރުކާރަށް ދަތިކުރައްވައި ހިންގުމުގެ ނިޒާމަށް ހުރަސްއަޅުއްވަމުންކަމަށް އަފީފު ތުހުމަތުކުރެއްވިއެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި ހައްޔަރުކުރި، އޭރުގެ ކްރިމިނަލްކޯޓުގެ އިސްޤާޟީ އަބްދުﷲ މުޙައްމަދަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ އަފީފް ވިދާޅުވީ ޢަބްދުﷲ ޤާޟީގެ ބައެއް ވާހަކަފުޅުތަކަކީ ޤާޟީއެއްގެ ދުލުން ވިދާޅުވެގެންވާނެ ވާހަކަފުޅުތަކެއް ނޫންކަމަށެވެ.
"އެހެންވީމަ ފަނޑިޔާރުން، ތިމެންނަމެންނަކީ ފަނޑިޔާރުންނޭ. ތިމެންނަމެން ކުރާ ކަންތައްތަކާއި ނުބެހެވޭނެއޭ. އެއީ މުޅިން ގޯސް ވާހަކައެއް އެދައްކަނީ. ކޯޓުގެ ހުރުމަތްކެނޑުމަކީ ކޯޓުތެރޭގައި ހިނގާކަމެއްގެ ސަބަބުން، ކޯޓުގެ މަސައްކަތައް އެތާގައި ހުރަސްއެޅުމުން. ކޯޓުތަކުން ނިންމާ ނިންމުކަމަކަށް ކޮންމެ ދިވެހި ރައްޔިތަކަށްވެސް ފާޑުކިޔޭނެ. އެފާޑު ނުކިޔާ އެކަމެއް އިސްލާހެއް ނުވާނެ" އަފީފް ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ސަރުކާރު ނިމުމާއިއެކު ރައީސް ޞާލިޙް ވެރިކަމަށް އިންތިޚާބުވަންދެން އެމް.ޑީ.ޕީން ހިންގި ސިޔާސީ ހަރަކާތްތަކުން ފެނިގެންނުދިޔައީ ކީއްވެތޯ ދެންނެވުމުން އަފީފު ވިދާޅުވީ އެގޮތަށް ދިމާވީ އާއިލީކަމެއްގައި ގިނަދުވަހު ރާއްޖެއިންބޭރުގައި އުޅުއްވަން ޖެހުމުގެސަބަބުންކަމަށެވެ. އަދި މަޖިލީހުގެ ރައީސްކަމަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ސީދާ ސަބަބު ވިދާޅު ނުވިނަމަވެސް ޙަސަން އަފީފް ވިދާޅުވީ މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގެންފިނަމަ ތަފާތުކަމެއްގެ ގޮތުގައި ފެނިގެންދާނީ މަޖިލީހުގައި ތިއްބަވާ ހުރިހާ ފިކުރެއްގެ މެންބަރުންވެސް ބައިވެރިކޮށްގެން، އެފަރާތްތަކާވެސް މަޝްވަރާކޮށްގެން ޤައުމުގެ ކަންކަން އިސްލާޙްކުރުމަށް މަސައްކަތްކުރުންކަމަށެވެ.