ތަޢުލީމު

ދިވެހި ބަސް އާލާކުރުމަށް ހާއްސަ މަސައްކަތްތަކެއް


ދިވެހިބަސް އާލާކުރުމުގެ ޚާއްސަ މަސައްކަތްތަކެއް ސަރުކާރުން ފަށާފައިވާކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަކުރާ ދިވެހިބަހުގެ ދުވަޙާއި ގުޅިގެން ދެއްވި ޚިތާބުގައި އެޑިޔުކޭޝަން މިނިސްޓަރ ވިދާޅުވީ ދިވެހިބަސް އާލާކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ތަފާތު ޑައިލެކްޓްތަކުން ވާހަކަދެއްކުމާއި ނެތުމުގެ ބިރު ހީވަމުންއަންނަ ބޯދާބަސްތައް އާލާކުރުމަށް މަސައްކަތްތަކެއް ކުރެވެމުން އަންނަކަމަށެވެ. އަދި ދިވެހިބަހުން ލިޔެފައިވާ ފޮތްތައް އިތުރުކުރުމާއި ބަހާބެހޭގޮތުން ތަފާތު ލިއުންތައް ލިޔެ ބަހުސްކުރާނެ ފުރުސަތު އިތުރުކުރުމުގެ މަސައްކަތްވެސް ކުރެވޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.އެޑިޔުކޭޝަން މިނިސްޓަރ ވިދަޅުވީ ދިވެހިބަސް ކިޔަވައި ދެއްވާ މުދައްރިސުން ކިޔަވައިދެއްވުމުގައި  އާ ގޮތްތައް ހޯއްދާ ކުދީން ޝައުޤުވެރިވާނެ ގޮތްތަކަށް ކިޔަވައި ދެއްވުން މުހިންމުކަމަށާއި ބަހުގެ ތަފާތު ދާއިރާތަކާއި ބަހަވީ ޢިލްމަށް އަހުލުވެރިވުންވެސް މުހިއްމުކަމަށެވެ.އެޑިޔުކޭޝަން މިނިސްޓަރ ވަނީ ސްކޫލްތަކުގެ ޤާއިމްކުރެވިފައިވާ ދިވެހި ކުލަބުތައް މެދުވެރިކޮށް، ދަރިވަރުންގެ ހިތްތަކުގައި ލިއުންތެރިކަމާއި، ވާހަކަދެއްކުންތެރިކަމާއި، އަދަބިއްޔާތާ ގުޅޭ ތަފާތު މަސައްކަތްތައް ސްކޫލްތަކުން ހިންގާ ހިންގުން ފާހަގަކުރައްވާފައެވެ.މިއަދު ފާހަގަކުރާ ދިވެހިބަހުގެ ދުވަހުގެ ޝިޢާރަކީ "ދިވެހިބަސް- ދިވެހިންގެ ފަޚްރު"އެވެ.މިދުވަސް ދިމާވަނީ ދިވެހިބަހަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ އަލްމަރްޙޫމް ޙުސައިން ޞަލާޙުއްދީން ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ދުވަހާއިއެވެ.